ފެހުމުގެ ދާއިރާގައި ފަނަރަ ވަރަކަށް އަހަރު ވެގެންދިޔައިރު މިހާތަނަށް އެންމެ ބުރަ މަސައްކަތެއް އަދި އެންމެ ގިނަ ވަގުތު ހޭދަކޮށްގެން ފެހި ކައިވެނި ހެދުމަކީ ބަތަލާ މަރިޔަމް އައްޒަގެ އަލަތު ކައިވެންޏަށް ފެހި ހެދުން ކަމަށް މަޝްހޫރު ފެހުންތެރިޔާ ރަޒީނާ ތައުފީގް (ރަޒީ) ބުނެފިއެވެ.
އައްޒަ އާއި އިސްމާއިލް ޖުމައިޖް (ޖުމާ) ކުރި ކައިވެންޏަށް ރަޒީ ފަރުމާކޮށްދިން އަގުބޮޑު ހަދިޔާއަކީ އެދެތަރިންނަށް ރަޒީގެ ފަރާތުން ދިން ހަދިޔާއެކެވެ.
"ސަން"އަށް މައުލޫމާތުދެމުން ރަޒީ ބުނީ އެހެދުން ފަރުމާ ކުރުމަށް އެއްމަސް ދުވަސް ވަރު ނެގި ކަމަށެވެ. އަދި އެއީ ބޮޑު ހަރަދެއްވެސް ކޮށްގެން ފެހި ހެދުމެއް ކަން ރަޒީ ފާހަގަކުރިއެވެ.
"ރާއްޖޭން ބޭރުން ބޮޑެތި ރިބަން ރޯލުތައް ގަނެގެން އެ ވެޑިން ޑްރެސް ފެހީ، ވަރަށް ގިނަ ވަގުތު ހޭދަވި، ރިބަންތައް ރޫ ޖައްސަމުން ވިއްޔާ ފަހަން ޖެހުނީ، ބޮޑު ހެދުމެއް އެއީ،" ރަޒީ ބުންޏެވެ.
އައްޒައާއި ޖުމާގެ ކައިވެނީގައި އައްޒަ ލާފައިވާ ބޮޑު ހެދުމަށް އޭރުވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ނެރުނު "ހީލީމާ" ލަވައިގެ މަންޒަރެއްގައިވެސް އައްޒަ އޭނާގެ ވެޑިން ޑްރެސްގައި ވަނީ ފެނިފައެވެ.
ކައިވެނި ހެދުމުގެ އިތުރުން އައްޒަގެ ގިނަ ހެދުން މިހާރުވެސް ފަހާދެނީ ރަޒީއެވެ. ރަޒީ ބުނީ އެންމެ ކުރިން ސުރެއްވެސް އައްޒައަށް ހެދުން ފަހާދެމުން އަންނާތީ އޭނާއަށް ހެދުން ފަރުމާކޮށްދޭން ވަރަށް ފަސޭހަ ކަމަށެވެ. އައްޒައަކީ ރަޒީީ ހިންގަމުން އަންނަ ފަހާތަން "ރަޒީ ކަލެކްޝަން"ގެ އެމްބެސެޑަރެވެ.
"އަސްލު އަބަދުވެސް އައްޒައަށް ފަހާދޭތީ ވަރަށް ފަސޭހަ ،ވަރަށް ރީތި ޝޭޕެއް އައްޒަގެ އިންނާނީ ވެސް، އައްޒައަށް ހިލޭ މަސައްކަތްކޮށްދެނީ، އޭނަ ވެސް ވަރަށް ހެލްޕްވާނެ، މިވެނި ހެދުމެއް މިހެން ހުރިއްޔާ މާ ފުރިހަމަ ވާނެ އޭ ބުނެ ކިޔައިދޭނެ،" ރަޒީ ބުންޏެވެ.
އައްޒަގެ ހެދުންތަކުގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންގެ އަދި އާންމުގެ ގިނަ ހެދުން ތަކެއްވެސް ރަޒީ އަންނަނީ ޑިޒަައިން ކޮށްދެމުންނެވެ. އަދި އަންނަ އަހަރު ފެހުމުގެ ސިލަބަހެއްވެސް ބާޒާރަށް ނެރުމަށް ރަޒީ އަަންނަނީ މަސައްކަތް ކުރަމުންނެވެ.