ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ކެބިނެޓާ މެދު ގޮތެއް ނިންމާފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރު އެންމެ ފުރަތަމަ ފަހަރަށް ހޮޓެލް ޖެންގައި، ރައީސް އިބޫ އާއި ނައިބު ރައީސް ފައިސަލްއާ ބައްދަލު ކުރެއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެއްވި އިރު، މިނިސްޓަރު ކަމަށް ހަމަޖައްސަން ނިންމި ބޭފުޅުންގެ ތަފްސީލެއް ވެސް އެ ބޭފުޅުން ނުދެއްވަ އެވެ.
އެ ބައްދަލުވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ސަރުކާރުން އެކުލަވާލާ ކެބިނެޓަކީ ކޯލީޝަނެއްގެ ދަށުން އެކުލަވާލާ ކެބިނެޓެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަ ވެގެން ދިޔައީ، މިނިސްޓަރު ކަމުގެ މަގާމުތައް ޕާޓީތަކުގެ މެދުގައި ބަހާލައި ނިންމާލި ކަމެވެ. ނަމަވެސް، މަގާމުތައް ބަހާލާ އިރު ގާބިލު ކަމާއި ތަޖުރިބާއަށް އިސްކަން ދޭނެ ކަމުގެ އުންމީދު އޭރު ވެެސް އޮތެވެ.
މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭބޭފުޅުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ ބޭބޭފުޅުން މިހާރު ވަނީ މަގާމުގެ ހުވާ ވެސް ކުރައްވައިފަ އެވެ. ނަމަވެސް، ކެބިނެޓާ މެދު ރައްޔިތުންގެ ނުތަނަވަސްކަން ބޮޑުވެ. އުފައްދާ ސުވާލުތައް ގިނަ އެވެ. ހީވެގެންދިޔައީ، ކެބިނެޓު އައްޔަން ކުރި އިރު، ގާބިލު ކަމަކަށް ބެލުމެއް ނެތި، ކޭކެއް ފަޅާ ބީދައިން ބާރުތައް ލީޑަރުންގެ މެދުގައި ބަހާލިހެންނެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ގޮތަށް އިބޫ އަށް ޖެހިވަޑައިގަތީ ވަޅި ހިއްޕަވައިގެން ކޭކު ފޮތިފޮއްޗަށް ބައިކުރައްވާށެވެ.
މިނިސްޓަރު ކަމަށް އައްޔަން ކުރި ބޭބޭފުޅުންނަށް ބަލާ އިރު، ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިޝަތު ނަހުލާގެ އަތުގައި މާކެޓިން ދާއިރާއިން ޑިގްރީއެއް އޮންނަ ކަމަށްވެ އެވެ. އަދި އޭނާ މިހާރު ދަނީ ޕޮލިޓިކަލް ސައިންސް ކިޔަވަމުންނެވެ. އެހެން ނަމަވެސް، އޭނާ އަކީ މީގެ ކުރިން ސަރުކާރުގެ އެއްވެސް މަގާމެއް އަދާ ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ޓްރާސްޕޯޓް ދާއިރާއިން އޭނާއަށް އެއްވެސް ތަޖުރިބާއެއް ލިބިފައެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ނަހުލާ އައުމަކީ ވެސް އެކަމާ މެދު ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އަދި ނަހުލާ އަށް އެ މިނިސްޓްރީ ދޭން ގާސިމް ބޭނުންވީ ކީއްވެތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަނީ، ނަހުލާގެ މަގާމުގެ ނާޖާއިޒު ފައިދާ ވިލާ ކުންފުނީގެ މަސްލަހަތަށް ބޭނުން ކުރުމުގެ ދޮރު ހުޅުވިގެންދާތީ އެވެ.
Airport aai launch section eh gengulhey kunfuneege owner ge anbimeehaa ah Transport Minister kan mee corruption noondhen coachcheh tho?
— ASK ???????????????? (@aarc_8) November 17, 2018
Now; what if my wife owns one of the few private airlines and I become the Transport Minister. What exactly is "conflict of interest". The parliament should never give endorsement to such. @AleeVoice @Imthiyazfahmy @evattey @HussenMV
— As'ad Thirugey (@ThirugeyBeyya) November 17, 2018
އެ ސުވާލު އެހެން އުފެދެނީ މާޒީގައި ކަން ހިނގާފައިވާ ވެސް ގޮތުންނެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރު ކަމަށް ގެނައި ބޭފުޅުންގެ ފަރާތުން ވިލާ ކުންފުންޏަށް ފައިދާވާ ފަދަ، ސުވާލު އުފެދޭ ކަންތައްތަކެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖޭޕީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ޑރ. އަހްމަދު ޝަމްހީދު ހުންނެވި އިރު، ސަރުކާރުން މާމިގިލީ އެއާޕޯޓު ވިލާ ކުންފުންޏަށް ލީސް ކުރި މުއްދަތު 99 އަހަރަށް ބަދަލުކުރި އެވެ. އެކަން އިއުލާނު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑރ. ޝަމްހީދު މަގާމުން ވަކި ކުރި އެވެ.
ގާސިމް އިބްރާހީމް ސިޔާސީ ނުފޫޒު ބޭނުން ކުރައްވައިގެން އޭނާގެ މަސްލަހަތަށް ކަންތައް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބެނީ ރައީސް ޔާމީންގެ ވެރިކަމުގައި، ޖުމްހޫރީ ޕާޓީން ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައި އޮތް އިރު، ކާނޑެއްދޫ އެއާޕޯޓް ވިލާ ކުންފުންޏާ ހަވާލު ކޮށްފައި އޮތުމުންނެވެ. އެ އެއާޕޯޓް ވިލާ ކުންފުނިން އަތުލީ ގާސިމް އާއި ރައީސް ޔާމީނާ އުފެދުނު ހިޔާލުތަފާތުވުމަށް ފަހު ކަން ފާހަގަކޮށްލެވެ އެވެ.
New cabinet. Since Civil Aviation, environment, health and tourism ministry are now divided and has been handed to jp, and since Qasim also owns an airline and ton of resorts, where will the accountability be?
— Fazy A. Shahym (@faziiie) November 17, 2018
ދެން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް އައްޔަން ކުރީ އެ ޕާޓީގެ ރައީސް އަލީ ވަހީދެވެ. އަލީ ވަހީދު އައްޔަން ކުރީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށެވެ.
އަލީ ވަހީދަކީ މާސް ކޮމިއުނިކޭޝަން ދާއިރާއިން މެލޭޝިއާގައި ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ އަކީ ސިޔާސީ ގޮތުން ކާމިޔާބީތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް، ޓޫރިޒަމް ދާއިރާއާ އޭނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އޭނާ އަށް އެ ދާއިރާއިން ލިބިފައި ވަނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟
އަލީ ވަހީދަށް އެ ދާއިރާއިން ތަޖުރިބާ ލިބިފައި ނުވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ކަންްބޮޑުވުން ފާޅު ކުރާ އިރު، މީގެ ކުރިން އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވުމަކީ ވެސް ގިނަ ބަޔަކު ނުތަނަވަސްވާ ކަމެކެވެ. އަދި އޭރު އެ މައްސަލަތައް ތަހުގީގު ވެސް ކުރި އެވެ.
ވިލާ ކުންފުންޏަކި ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ކުންފުންޏަކަށްވާ އިރު، ޖޭޕީގެ ސްލޮޓަކަށް އަދި އެދާއިރާއާ ގުޅުމެއް ނެތް ބޭފުޅަކަށް އެ މިނިސްޓްރީ ދިނުމަކިީ ވެސް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.
ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި، ޝިދާތާ ޝަރީފަކީ، ވ. ރަކީދޫގައި 2015 ވަނަ އަހަރު އަނިޔާވެރިކޮށް މުހައްމަދު އިބްތިހާލް މަރާލި އިރު ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އިބްތިހާލް މަރާލި މައްސަލާގައި ޝިދާތާގެ އިހުމާލެއް ވޭތޯ އޭރު ތަހުގީގު ވެސް ކުރެވުނެވެ. އެގޮތުން، 2015 ވަނަ އަހަރު އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.
އިބްތިހާލް މަރާލި މައްސަލާގައި އިހުމާލުވާ ކަމުގެ ދައުވާ ޝިދާތާގެ މައްޗަކަށް ނުކުރެ އެވެ. ނަމަވެސް އެފަދަ ތުހުމަތުތަކެއް ކުރެވޭ އިރު އެފަދަ މަގާމަކަށް އެއީ އެންމެ ރަނގަޅު ބޭފުޅާތޯ ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.
Ibthihaal ge massala kolhehga nujeheyha hindhaku, @shidhatha huttas, adu ufulaanan. Muzaahara kuran jehijeyya muzahara ves kuraanan. Aharennakee siyaasy kankamuga maa fahun ulhen feshi meeheh, abadhuves kudakudhinnaa anhenunge hagguthakah vakaalaathu kuran, dhenves kuraanan.
— Mornii Saleem (@Morniish) November 17, 2018
މިނިސްޓަރު އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް އަކީ ޓޫރިޒަމް ދާއިރާއިން މާސްޓާސް އިން ޓޫރިޒަމް މެނޭޖްމަންޓާ ހިސާބަށް ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާގެ އަތުގައި އައިޓީ ދާއިރާއިން ޑިޕްލޮމާއެއް އޮވެ އެވެ.
ނަމަވެސް، މަލީހަކީ، ރައީސް ޔާމިންގެ ސަރުކާރުގައި ސުވާލު އުފެދޭ އެތައް ކަމެއް ފެނިގެން ދިޔަ އިރު، އެމަނިކުފާނުގެ އަރިހުގައި ހުންނެވި ބޭފުޅެކެވެ. އެހެން ކަމުން، އޭނާގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދާ ފަރާތްތައް މަދެއް ނޫނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މަލީހު ހުންނެވީ ޔޫތު މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އަދި މިހާރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން ހުންނެވީ އޭރު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.
Now this guy is the Minister of communication in #Maldives.
— Junayd ???????? (@mjunayd) November 17, 2018
Eh fiyavalhu kuriah, dhe fiyavalhu fahathah. https://t.co/bYLkkFjs4B
މަލީހާއި އަމީން ރައީސް ޔާމީންގެ އަރިހުން ވަކިވެޑައިގަތީ، ޑރ. މުހައްމަދު ޖަމީލް އާއި ރައީސް ޔާމީންއާ ދެމެދު ޖެހުނު މައްސަލައަށް ފަހު ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރުމުންނެވެ. އެގޮތުން މަހީލު ޔޫތު މިނިސްޓަރުކަމުން ވަކި ކުރުމުން އަމީން ރައީސް އޮފީހުގެ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އެވެ.
އަމީން އިސްތިއުފާދެއްވި އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަން މައްސަލައެއްގައި ދައުވާ ކުރަން ޕީޖީއިން އޮތީ ނިންމައިފަ އެވެ. އަމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނީ ތިމަރަފުށީ އެއާޕޯޓް ހަދަން ހަވާލުކޮށްފައި އޮތް ކުންފުނިން އެ މަސައްކަތް ނުކުރުމުން އަރާފައި އޮތް ޖޫރިމަނާ އޭނާ ސޮއި ކުރައްވައި މާފުކޮށްދިނުމަށް ހުއްދަ ދިން މައްސަލައިގަ އެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވާ އަމީނަކީ ސިއްހީ ދާއިރާގެ ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެއް ނޫނެވެ. އޭނާ ތައުލީމު ހާސިލު ކުރީ އިންޓަނޭޝަނަލް ރިލޭޝަންސް ދާއިރާއިންނެވެ. އޭނާ ވަނީ އިންޓަނޭޝަނަލް ރިލޭޝަންސް އިން މާސްޓާސް ހާސިލުކުރައްވާފަ އެވެ.
ބަރުލަމާނީ ނިޒާމަކާއި ރިޔާސީ ނިޒާމެއްގެ ތަފާތަކީ އަދި ރިޔާސީ ނިޒާމެއްގެ އެންމެ މުހިންމު އެއް ފީޗާއަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ މައްޗަށް ސަރުކާރެއް ގާއިމު ކުރުމުގެ ފުރުސަތު އޮތުމެވެ. އަދި ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވީ ވެސް އެހެންނެވެ. އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ ބޭފުޅުން ވެގެން ދާނީ ރައްޔިތުންގެ ނަޒާހަތްތެރި ހާދިމުންނަށް ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮަތަކީ ވެސް އެއީ އެވެ.
ނަމަވެސް މަތި ބަރު 20 ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ސަރުކާރުގައި އެ ވިދާޅުވި ގޮތަށް އެއީ ނަޒާހަތްތެރި ބޭފުޅުންތޯ އެވެ. ދެން އޮންނަ މަރުހަލާ ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުންނަށް ރުހުންދޭ އިރު މި ނުކުތާތަކަށް ވިސްނުން މުހިންމެވެ. އެހެން ނޫނީ ރައްޔިތުން ޖެހޭނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުވެސް ބަލަހައްޓައިގެން ތިބޭށެވެ.
ސުވާލަކީ ރައްޔިތުން ކޯލިޝަން ސަރުކާރަކަށް ވޯޓު ދިނީ ކާފަ މަސް ބަހާ އުސޫލުން ވަޒީރުންގެ މަޖިލީސް ބަހާލަންތޯއެވެ؟