ވައިޓް ހައުސްގެ އޮފިޝަލަކު މަގާމުން ވަކި ކުރަން މެލާނިއާ ގޮވާލައްވައިފި

އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އަދި ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު، މީރާ ރިކާޑެލް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު، މީރާ ރިކާޑެލް މަގާމުން ދުރުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ގޮވާލައްވައިފި އެވެ.

މެލާނިއާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި "ވައިޓް ހައުސްގައި މަސައްކަތް ކުރުމުގެ ޝަރަފަކީ ރިކާޑެލްއަށް ހައްގު ޝަރަފެއް ނޫން" ކަމަށް ފަސްޓް ލޭޑީ ގަބޫލު ކުރައްވަ އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މެލާނިއާ އައި ރިކާޑެލްއާ ދެމެދު މައްސަލަ ޖެހުނީ، މެލާނިއާ މިދިޔަ މަހު އެފްރިކާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެގޮތުން އެދަތުރުގައި ރިކާޑެލް ބައިވެރިވާން ބޭނުންވި ނަމަވެސް، މެލާނިއާ ދަތުރު ކުރެއްވި މަތިންދާބޯޓުން ރިކާޑެލްއަށް ޖާގައެއް ނުލިބުނެވެ.

އެ މައްސަލާގައި، އެ ދަތުރަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އެއްވެސް މުވައްޒަފަކު ނުފޮނުވާނެ ކަމުގެ އިންޒާރު ރިކާޑެލް ދިން ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެދަތުރުފުޅުގައި އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއްގައި މެލާނިއާ ވަނީ އެކަމަނާ އިތުބާރު ނުކުރައްވާ މީހުން ވައިޓް ހައުސްގައި ތިބި ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ކޮންބަޔެއްކަން ރައީސް ޓްރަމްޕަށް އެންގެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރެކާޑެލް، މެލާނިއާއާ ބެހޭ ގޮތުން ވާހަކަތައް ފަތުރާ ކަމަށް ވެސް ފަސްޓް ލޭޑީގެ ޓީމުން ގަބޫލު ކުރާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މެލާނިއާގެ އެބަޔާނާ ބެހޭ ގޮތުން ވައިޓް ހައުސްއިން ވެސް އަދި ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް