ކާނަލް ނާޒިމްގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފި

ނާޒިމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ކާނަލް ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހަނުރާމަވެރި ހަތުޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަން ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމި ނިންމުން މުރާޖާކޮށްދިނުމަށް ހުށަހެޅި މައްސަލައެކެވެ.

ހައިކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އެ މައްސަލައިގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ކްރިމިނަލް ކޯޓުން ނާޒިމަށް އިއްވި ހުކުމް ތަންފީޒުކުރުމުގެގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.

ކާނަލް ނާޒިމަށް އެ ހުކުމް އިއްވީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓު ފުލުހުން ބަލައިފާސްކުރިއިރު ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. އެ މައްސަލާގައި ހުކުމް އިއްވިފަހުން ފުލުހުން ބުނެފައި ވަނީ އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ފިންގާޕްރިންޓް ފެނިފައިވާ ކަމަށެވެ.

comment ކޮމެންޓް