ނަޝީދު، އިމްރާން އަދި ކާނަލް ނާޒިމްގެ މައްސަލަ ސުޕްރީމުކޯޓަށް ބަލައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝައިހް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއުކޮށްދިނުމަށް ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިގެންފިއެވެ.

ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ސުޕްރީމު ކޯޓަށް ހުށަހަޅާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ. އަނެއް ދެ މައްސަލަ ހުށަހެޅީ އެދެބޭފުޅުން އަމިއްލަ ފުޅަށެވެ.

ރައީސް ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުނެވެ. އެ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅުކަމަށް ހައިކޯޓުންވެސް ވަނީ ނިންމާފައެވެ. އަދި އެ ހުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ބުނެ، ފަހު ބަސް އިއްވާފައެވެ.

ޕީޖީ އޮފީހުން އިއްޔެ ބުނީ ރައީސް ނަޝީދުގެ ހުކުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ބަލައިދިނުމަށް ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށާއި އެކަމަކީ އާންމު މަސްލަހަތު ވަކި ދަރަޖައަކަށް ހިމެނޭ ކަމެއް ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުމާއި، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން ބަޔާންކޮށްފައި އޮތްއޮތުމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ނަޝީދުގެ މައްސަލައިގައި ކުރި ހުކުމާއި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ނިންމާފައިވާ ނިންމުންތައް މުރާޖާކުރުމަށް ސުޕްރީމް އެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ސުޕްރީމު ކޯޓުގައި ހުކުމް އިސްތިއުނާފް ކުރުމަށް މީގެ ކުރިން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ނިންމީ ރަނގަޅަށްކަމަށް ބުނެ ސުޕްރީމު ކޯޓަށް ބަލައިގެންފައެއް ނުވެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަސް ލާން ހުކުމްކޮށްފައިވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެގެންނެވެ.

އެ ދައުވާ ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ނަމަވެސް ހުކުމް ކުރިފަހުން ފުލުހުން ބުނެފައި ވަނީ އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ބުނެ މައްސަލަ ބަލައިނުގެންފައެވެ.

މި ތިން ބޭފުޅުންގެ ތެރެއިން ރަީސް ނަޝީދު ހުންނެވީ ބޭސް ފަރުވާއަށް ވަޑައިގެންނެވުމަށްފަހު އަމިއްލައަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގައެވެ. ކާނަލް ނާޒިމް ޖަލުގައި ހުންނެވިއިރު ޝައިހް އިމްރާނު ހުންނެވީ ގޭ ބަންދުގައެވެ.

comment ކޮމެންޓް