ޖަލަށް ދާން ޖެހިދާނެކަން ބައްޕައާ ފާރިސްއަށް ކުރިން ދެންނެވިން : ދުންޔާ

ޕީޕީއެމް ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝަހުސް އޮޅުވާލިކަމަށް ބުނެ ޖަލަށްލި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންއާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ދާން ޖެހިދާނެކަމަށް އެ ދެ ބޭފުޅުންގެ އަރިހުގައި ކުރިން ދެންނެވި ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެކަމަނާވެސް ހުންނެވީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެެ ދުވަސްތަކުގައިވެސް މަސައްކަތް ކުރެއްވީ ބައްޕައާއި ކޮއްކޮ ހިމާޔަތްކުރެއްވުމަށް ކަމަށް ދުންޔާާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ބޭފުޅުން ތިބީ ޖަލުގަ އާއިލާގެ، އަޅުގަނޑަށް އެނގޭ އަޅުގަނޑު އިސްކޮށް ނުކުމެ މާބޮޑު ދައުރެއް ކުޅޭން ފަށާއިރަށް އަޅުގަނޑާ ދިމާއަށް ވެސް އަންނާނެކަން، ދެން ކޮއްކޮއަށް ވެސް އޮތީ ވަރަށް ދަތިކޮށް ދިމާވެފަ، އެހެންވީމަ އަޅުގަނޑު އެޑްވައިސް ވެސް ދިނިން އަޅުގަނޑު މަސައްކަތް ކުރީ ބައްޕަ ވެސް އެހެން ބޭފުޅުން ވެސް ޕްރޮޓެކްޓްކޮށްދޭން، އެއީ އެހާ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެތީ، ދުރާލާ ވެސް އަޅުގަނޑަށް ބައްޕައަށް ވެސް އަދި ފާރިސްއަށް ވެސް ދެންނެވުނު ޖަލަށް ދާން ޖެހޭނެއޭ، މިހެންނޭ ކަންތައްތައް ވާނީ،" ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދަށް ބައިނަލްއަގުވާމީ ގޮތުން ބޮޑު ތާއިދެއް ލިބި ފައި އޮތްނަމަވެސް ރައީސް މައުމޫންއަށް އެފަދަ ތާއީދެއް ނުލިބިދާނެކަމަށް، ބައްޕައަށްް ދެންނެވިކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

" ކާކުތޯއޭ އެހީތެރިވާނީ. އެއްވެސް މީހެއް އަންނާނެބާއޭ. އެހެންވީމާ ވިސްނާލައްވައްޗޭ. އަޅުގަނޑު ކަންބޮޑުވެއޭ. ތިއުމުރުގައި (ބައްޕަ) ޖަލުގައި ހުންނަވަން ޖެހިއްޖިއްޔާ" ދުންޔާ ވިދާޅުވިއެވެ،

ދުންޔާ ވިދާޅުވީ ބައްޕަ ޖަލުގައި އޮންނެވިއިރުވެސް، ބައްޕަ ސަލާމަތްކުރުމަށް ކުރެވޭން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި އަދި ބޭރުގެ ޑިޕްލޮމެޓުންނާ ނޫސްވެރިންނަށްވެސް ކަންތައްތައް އޮތް ގޮތް ކިޔައިދީ ހެއްދެވިކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް