ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސައުދީއަކީ ތެލަށް ބަރޯސާ ނުވާ ގައުމަކަށް ވާނެ: ސަލްމާން

ރިޔާޟް (އޮކްޓޯބަރ 2018 ): އުންމީދަކީ މަރުވުމުގެ ކުރިން ސައޫދީ އަރަބިޔާއަކީ އިލްމީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާ އަދި މަސައްކަތްތެރި ކަމުގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ހެދުންކަމަށާ އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުގެ ބޭނުމަކީވެސް އެއީ ކަމަށް އެގައުމުގެ ބާރުގަދަ މީހާ އަދި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

"ދަ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް 2018"ގެ ނަމުގައި ސައޫދީން ބޭއްވި ފޯރަމް ނިންމާލުމުގެ ކުރިން ބޭއްވި ޑައިލޮގް ސެޝަންއެއްގައި ވާހަކަ ދައްކަވަމުން ބިން ސަލްމާން ވިދާޅުވީ ސައުދީ އަރަބިޔާއަކީ މައިގަނޑު ގޮތެއްގައި ތެލުގެ އާމްދަނީއަށް ބަރޯސާނުވާ ގައުމަކަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހަދާނެކަމަށާއި ސައޫދީއަށް ގެންނަ ބަދަލުތަކާއެކު ގަލްފުގެ އެހެން ގައުމުތައްވެސް ޓެކްނޮލޮޖީގެ ގޮތުންނާ މަސައްކަތްތެރި ކަމުގެ ގޮތުން ކުރިއަރާފައިވާ ގައުމު ތަކަކަށް ވެގެންދާނެކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ފާއިތުވި 3 އަހަރު ތެރޭގައިވެސް ސައޫދީ އިގްތިސާދުގެ ތެޔޮ ނޫން އާމްދަނީ ތިން ގުނަ މައްޗަށް ޖެހިފައިވާ ކަމަށް ބިންސަލްމާން ވިދާޅުވިއެވެ.

ތެލަށް ބަރޯސާވުން ކުޑަކުރުމުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސައޫދީއަށް ކާމިޔާބު ލިބިއްޖެނަމަ އެކަމުގެ އެދެވޭ އަސަރު ގަލްފުގެ އެހެން ގައުމުތަކަށްވެސް ކުރާނެކަމަށާ ސައޫދީއާ ގަތަރާ ދެމެދު ދެބަސްވުންތައް އުފެދިފައިވީނަމަވެސް ގަތަރުގެ އިގްތިސާދުވެސް ދަނީ ވަރުގަދަވަމުން ކަމަށް މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ. މިއީ 2017 ވަނައަހަރު ގަތަރާ ދެކޮޅަށް ސައޫދީ އިސްވެ އޮވެގެން ޙިސާރުގެ ފިޔަވަޅުތައް އެޅިފަހުން ގަތަރުގެ ވާހަކަ އާންމު ފޯރަމެއްގައި ބިން ސަލްމާން ދެއްކެވި ފުރަތަމަ ފަހަރެވެ.

ސައޫދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ފަށާފައިވާ "ވިޝަން 2030" އިޢުލާންކުރެއްވީ ބިންސަލްމާން އެވެ. އެއީ އިގްތިސާދީ އަދި އިސްލާޙީ ރަނގަނޅު މަގްސަދުތަކެއްގައި އިޢުލާން ކުރި ޕްރޮގްރާމެއްކަމަށް އެދުވަސްވަރު ބެލެވުނު ނަމަވެސް ބިންސަލްމާންގެ އަމަލުތައް ހުންނަގޮތުން "ވިޝަން 2030" އިއުލާންކުރެއްވީ އޭނާގެ އަމިއްލަ ސިޔާސީ ބޭނުމެއްގައި ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ޖަރީމާގެ ފަހަތުގައިވާ ކަމުގެ ނުސީދާ ތުހުމަތު ކުރެވެނީ ބިން ސަލްމާން އަށެވެ. ޚާޝުގްޖީގެ މަރާ ގުޅިގެން އެތަށް ގައުމަކުންނާއި އެތަށް މުއައްސަސާއިންވަނީ ސައޫދީ އިންވެސްޓްމަންޓް ފޯރަމް ބޮއިކަޓްކޮށްފައެވެ. ޚާއްސަކޮށް މިފަދަ ޖަރީމާތައް ރަސްމީ ލެވެލްގައި ހިންގާ ގައުމެއްގައި އިންވެސްޓް ކުރުމުގެ ރަނގަނޅު މާހައުލެއް ގާއިމް ކުރެވިދާނެތޯ މިހާރުވަނީ ސުވާލު އުފެދިފައެވެ.

ސައޫދީން ވަނީ އިރާގަށް އަރައި، ގަތުމުގައި އެމެރިކާއަށް އެހީތެރިވެދީފައެވެ. އަދި 1980 ވަނައަހަރު އީރާނާދެކޮޅަށް ސައްދާމް ހުސައިން ފެށި އީރާން އިރާގު ހަނގުރާމައިގާ ސައްދާމަށް އެހީތެރިވީވެސް ސައޫދީއެވެ. އަދި ސައޫދީން ވަނީ ސޫރިޔާއާ ދެކޮޅަށް އެގައުމުގެ ބާޣީ ޖަމާއަތްތަކުން ފެށި ހަނގުރާމައިގާވެސް ނުސީދާ ގޮތެއްގައި ބައިވެރިވެފައެވެ. މީގެއިތުރުން ޔަމަނާދެކޮޅަށް ސައޫދީ ގެންދަނީ ލޭއހޮރުވުންބޮޑު ހަނގުރާމައެއް ކުރަމުންނެވެ. މިހަނގުރާމައިގެ ޝިކާރައަކަށްވެފައިވަނީ ޔަމަންގެ ކުށެއްނެތް އާންމުންނެވެ.

މީގެއިތުރުން އިރާގާއި ސޫރިޔާގައި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާކަމުގެ ތުހުމަތު ގަތަރުގެ އިތުރުން ސައޫދީގެ މައްޗަށްވެސް ކުރެވެއެވެ. އަދި އިސްރާއީލާއެކުވެސް ސިއްރިޔާތުގައި ގުޅުން ބާއްވައި އިސްރާއީލުގެ މަސްލަހަތާ އެއްގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރާކަމުގެ ތުހުމަތު ބިންސަލްމާންގެ މައްޗަށް ކުރެވޭތީ އިސްލާމީ ދުނިޔޭގައިވެސް އޭނާއާމެދު ދެކޭގޮތްވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް