ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރާ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުމެއްވާ ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައި، ވަލީއަހުދު ހާޝުގްޖީގެ ދަރިފުޅާ ބައްދަލު ކުރުމުން ސޯޝަލް މީޑިއާއިން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
ހާޝުގްޖީގެ ދެ ފިރިހެން ދަރިން ސަލާހް އާއި ސާހިލްއާ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީ އަހުދު ބައްދަލު ކުރެއްވީ އިއްޔެ އެވެ. ރިޔާޟުގައި ހުންނަ ޔަމަނާ ގަނޑުވަރުގައި ބޭއްވި އެ ބައްދަލުވުމުގައި ޝާހީ އާއިލާއިން ވަނީ ހާޝުގްޖީގެ އާއިލާއަށް ތައުޒިޔާ ކިޔާފައި ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުންޏެވެ.
އަދި އެބައްދަލުވުމުގައި ސަލާހް އާއި ވަލީއަހުދު ސަލާން ކުރާ މަންޒަރު ފެންނަ ފޮޓޯއެއް އެސްޕީއޭ އިން ވަނީ ހިއްސާކޮށްފަ އެވެ. އެފޮޓޯއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ލިބި، ސަލާހް އަށް ގިނަ އަދަދެއްގެ މީހުން ވަނީ ހަމްދަރުދީ ފާޅުކޮށްފަ އެވެ.
ހާޝުގްޖީގެ އެކުވެރިއަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައިވާ ގޮތުން، އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ހާޝުގްޖީ ކޮލަމްތައް ލިޔަން ފެށި ފަހުން ސައުދީން ވަނީ ސަލާހް އެގައުމުން ފުރުން މަނާކޮށްފަ އެވެ.
"ސައުދީން ފުރުން މަނާކޮށްފައިވާ ޖަމާލް ހާޝުގްޖީގެ ދަރިފުޅު، ސަލާހް. އެމީހުން ސަލާހް ޝާހީ ގަނޑުވަރަށް ގެނައީ ތައުޒިޔާ ކިޔުމަށް ޓަކައި. ސަލާހްގެ މޫނުން އެފެނިގެންދާ ޝުއޫރުތައް. މިފޮޓޯ ބަލާފައި ބޭނުން ވަނީ ހަޅޭއްލަވަން، ހޮޑު ވެސް ލަވާ،" ސައުދީ އަރަބިއާގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ މަނާލް އަލް ޝަރީފް ބުންޏެވެ.
Salah, Jamal Khashoggi’s son, who is banned from travel. They brought him to the royal court to accept condolences. The look on his face. This photo makes me want to scream and throw up. #JamalKhashoggi pic.twitter.com/0M3IYVT5FB
— Manal al-Sharif (@manal_alsharif) October 23, 2018
"ޖަމާލް ހާޝުގްޖީގެ ދަރިފުޅު ސަލާހަށް މިއަދު ޖެހުނީ ވަލީއަހުދާ އެކު ފޮޓޯތަކެއް ނަގަން ރޯޔަލް ކޯޓަށް ދާން. އޭނާގެ މޫނަށް ބަލާލަބަލަ. ފާހަގަ ކުރަން ޖެހޭ އެއް ކަމަކީ، ސަލާހް ގައުމުން ބޭރަށް ދިޔުން މަނާކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ. އޭނާގެ ކޮއްކޮމެންނާ އެކު ބައްޕަގެ މަރުގެ ހިތާމަ ކުރަން ފުރުސަތެއް ނުލިބޭ،" އެމެރިކާގެ ނޫސްވެރިޔެއް ކަމަށްވާ ޔަޝާރު އަލީގެ ޓުވީޓެއްގައިވެ އެވެ.
Today, #JamalKhashoggi’s son Salah was forced to give the Crown Prince a photo op at the Royal Court. Look at his face. It’s important to note that Salah has been banned for over a year from leaving the Kingdom, he has not been able to mourn with his siblings who are US citizens. pic.twitter.com/lxKxaLHo7e
— Yashar Ali ???? (@yashar) October 23, 2018
"އެމީހުން އޭނާގެ ބައްޕަ މަރާލި. ހަށިގަނޑު ކޮށާލި. އެކަން ފޮރުވަން މަސައްކަތް ކުރި. (ހާޝުގްޖީގެ) މަރާ ބެހޭ ގޮތުން ދޮގު ހެދި، ދެން އެކަން ފޮރުވަން މަސައްކަތް ކުރުމާ ބެހޭ ގޮތުން ދޮގު ހެދި.. އަދި މިހާރު، އަމިއްލަ ގައުމުގައި ބަންދުކޮށްފައިވާ ހާޝުގްޖީގެ ދަރިފުޅަށް މަޖުބޫރު ކުރަނީ، އޭނާގެ ބައްޕަ މަރާލި ވަލީ އަހުދާ ސަލާން ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ނެގުމުގައި ބައިވެރިވާން،" އެމެރިކާގެ ޕޮލިޓިކަލް ސައިންޓިސްޓު އަދި ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެއް ކަމަށްވާ ބްރަޔަން ކްލާސްގެ ޓުވީޓެއްގައިވެ އެވެ.
They murdered his Dad, dismembered his body, orchestrated a cover-up, lied about the murder, then lied about the cover-up...and now are forcing Khashoggi's son, who is a captive in his own country, to participate in a photo-op shaking hands with the prince who murdered his Dad. https://t.co/LfEym9CxAR
— Brian Klaas (@brianklaas) October 23, 2018
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވަނީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ހާޝުގްޖީ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ މަރާލި ދުވަހު ސައުދީ 15 މީހަކު ކޮންސިއުލޭޓަށް ދިޔަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެމައްސަލައާ ގުޅިގެން ސައުދީން ވަނީ 18 މީހަކު ހައްޔަރުކޮށްފައިވާ ބުނެފަ އެވެ. ނަމަވެސް ހާޝުގްޖީގެ މަރާ ސައުދީ ވަލީއަހުދާ އެއްވެސް ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.