އިބޫ ކުރިމަތިލައްވަނީ ފަސް އަހަރަށް ކަމަށް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޚަލީލް

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް -- ސަން ފޮޓޯ: ފަޔާޒް މޫސާ

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިންތިޚާބަށް ކުރުމަތިލައްވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ރައްޔިތުންނަށް ސާފުކޮށްދެއްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޚަލީލް ވިދާޅުވީ އިބޫ އަކީ އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެގެންވާ "މިނިވަނެއްކަން" އޭނާ ދައްކުވައިދޭން ޖެހޭ ކަމަށެވެ.

"އިބޫ، އެޅުވިފައިވާ ކަސްތަޅުން ނެއްޓި، މިނިވަނެއްކަން ދައްކުވައިދޭން ޖެހޭ. ދޮޅު އަހަރުގެ ބަދަލުގައި ވެރިކަމަށް ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ޕޯޑިއަމްގައި ރައްޔިތުންނަށް ވިދާޅުވަން ޖެހޭ،" މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދޮޅު އަހަރު ދުވަހުގެ ވެރިކަމެއް ކުރަން އިބޫ އެއްބަސްވެވަޑައިގަތީ އޭނާ ބައެއްގެ ކަސްތޮޅުތަކުގައި ބަނދެވިފައިވާތީ ކަމަށެވެ. އަދި އިބޫގެ "ތަޅުދަނޑި އޮތީ އެހެން ބައެއްގެ މުށުތެރޭގައި" ކަމަށް ވެސް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، އިބޫއަށް ނުފޫޒު ފޯރުވާފައިވާ ފަރާތްތަކުން ބުނާ ގޮތަށް ނޫނީ އޭނާއަށް ފިޔަވަޅެއް ވެސް އެޅުން މަނާ ކަމަށާއި އޭނާއަށް މިނިވަން ކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ވިދާޅުވީ ރައްޔިތުން ވެރިކަމަށް ގެންނަން ބޭނުންވަނީ އަމިއްލަފުޅަށް ކަންތައް ނިންމޭ ވަރުގެ ބޭފުޅުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ގެންނަ ވާހަކަ އޮތުމުން، އެކަމާ ގުޅިގެން އިބޫއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ އިބޫ ވެރިކަމަށް އައުމަށް ފަހު ދޮޅު އަހަރު ފަހުން އިންތިހާބެއް ބާއްވައި ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބުއްރަހީމް އަބްދުﷲ، ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހޯމް މިިނިސްޓަރު އަޒްލީން އަހްމަދު ވެސް ވަނީ މީގެ ކުރިން އެ ތުހުމަތު އިބޫއަށް ކުރައްވައިފައެވެ. އެ ތުހުމަތުތަކަށް އިބޫ އަދި އެއްވެސް ޖަވާބެއް ދެއްވައިފައި ނުވެއެވެ.

comment ކޮމެންޓް