ބާސާއިން އޮފާކުރި، އެކަމަކު ބޭނުންވީ ޗެލްސީގައި މަޑުކުރަން: ވިލިއަން

ޗެލްސީއާއި ހަޑަލްސްފީލްޑް ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ އޭޕީ

ބާސެލޯނާއިން އޮފާ ކުރި ނަމަވެސް ބޭނުންވީ ޗެލްސީގައި މަޑުކުރަން ކަމަށް ބްރެޒިލްގެ ފޯވަޑް ވިލިއަން ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ވިލިއަން ވަނީ މިހާތަނަށް ފަސް ސީޒަން ޗެލްސީގައި ހޭދަކޮށްފައެވެ. އެހެން ނަމަވެސް ވޯލްޑް ކަޕަށްފަހު ވިލިއަން ޗެލްސީ ދޫކޮށްލަން އުޅޭ ކަމަށް ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވުނެވެ.

ވިލިއަންގެ އޭޖެންޓް ބަދަލުކުރަން ފީފާއަށް ހުށަހެޅި ކަމަށް ބުނެ، މީޑިއާގައި ސިޓީއެއްވެސް ދައުރުވެފައިވާ އިރު، ވިލިއަން ފަހުން ބުނެފައި ވަނީ އެ ސިޓީއަކީ ހަގީގަތެއް ނެތް ސިޓީއެއް ކަމަށާއި، ސިޓީގައިވާ ސޮޔަކީ ފޯޖު ކޮށްފައިވާ ސޮއެއް ކަމަށެވެ.

ވިލިއަން ބުނީ އޭނާއަށް އޮފާ ކުރި ހަމައެކަނި ކްލަބަކީ ބާސެލޯނާ ކަމަށާއި، އެހެން ނަމަވެސް އޭނާ ދާން ބޭނުން ނުވާ ކަމަށެވެ. ވިލިއަން ބުނެފައި ވަނީ ޗެލްސީން އޭނާ ފޮނުވާ ނުލާ ހިނދަކު އޭނާ ޗެލްސީގައި މަޑުކުރާނެ ކަމަށާއި، އިތުރު ވިސްނުންތަކެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށެވެ.

ވޯލްޑް ކަޕަށްފަހު ޗެލްސީގެ ފަރިތަކުރުންތަކަށް ވިލިއަން ނުކުންނަ އޮތް ދުވަހަށްވުރެ އޭނާ ހަފްތާއެއް ލަސްވިއެވެ. އަލަށް ޓީމާ ހަވާލުވި ކޯޗު، މައުރީޒިއޯ ސާރީ އެކަމާ ހިތްހަމަ ނުޖެހުނު ނަމަވެސް، ވިލިއަން ވަނީ އެފްއޭ ކޮމިއުނިޓީޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ކުޅެފައެވެ.

comment ކޮމެންޓް