އާސެނަލް ގަތުމަށް 600 މިލިއަން ޕައުންޑް ހުށަހަޅައިފި

އިނގިރޭސި އެފްއޭކަޕް ތަށި އާސެނަލް އުފުލާލަލަނީ. މުބާރާތް 13 ފަހަރު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ކާމިޔަބު ޓީމަކީ އާސެނަލް --- ފޮޓޯ/ އޭޕީ

އާސެނަލް ގަތުމަށް 600 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

އާސެނަލް ގަތުމަށް ހުށަހަޅާފައި ވަނީ އެ ކްލަބުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ސްޓޭން ކްރޮއެންކޭއެވެ. އޭނާއަށް 600 މިލިއަން ޕައުންޑުގައި ކްލަބުގެ ބާކީ ހިއްސާތައް ވިއްކާލައިފިނަމަ، ކްލަބުގެ އަގު 1.8 ބިލިއަން ޕައުންޑަށް އަރާނެއެވެ.

އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ކްރޮއެންކޭއަކީ މިހާރުވެސް އާސެނަލްގެ 67 ޕަސެންޓް ހިއްސާ އޮންނަ މީހެކެވެ. އޭނާ އާސެނަލްގެ ހިއްސާ ގަނެފައި ވަނީ އޭނާގެ ކުންފުނި ކޭއެސްއީގެ ނަމުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ އާސެނަލްގެ 30 ޕަސެންޓް ހިއްސާ އޮންނަ އެލީޝާ އުސްމަނޯވެސް އޭނާގެ ހިއްސާ ވިއްކާލުމަށް ތައްޔާރެވެ. އުސްމަނޯވް ވަނީ ކުރިން އާސެނަލްގެ ހިއްސާތައް އެއްކޮށް ގަތުމަށް މަސައްކަތް ކޮށްފައެވެ.

ކޭއެސްއީން ބުނެފައި ވަނީ އާސެނަލް އެއްކޮށް ގަންނަ އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އެންމެ ބޮޑު ބޭނުމަކީ ކްލަބުގެ ލެވެލް އެއް ހަމައެއްގައި ހިފަހައްޓައި، ކޮންމެ އަހަރަކުވެސް ޕްރިމިއާ ލީގް ކާމިޔާބު ކުރުމަށް މަސައްކަތް ކޮށް، ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކުރުން ކަމަށެވެ.

އޭގެ އިތުރުންވެސް އަންހެން ޑިވިޝަނާއި ޔޫތު ލެވެލްގައިވެސް ކްލަބަށް ކާމިޔާބީތަކަށް އިންވެސްޓް ކުރާނެ ކަމަށްވެސް ކޭއެސްއީން ބުނެފައިވެއެވެ. ކޭއެސްއީން ބުނެފައި ވަނީ 2011 ވަނަ އަހަރުން ފެށިގެން، އެ ކުންފުނިން އާސެނަލްގެ ޓްރާންސްފާތަކާއި ޓެކްޓިކަލް ވިސްނުމަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވިސްނާ ކަމަށެވެ.

އާސެނަލްއިން ވަނީ މިހާތަނަށް 13 ފަހަރު އިނގިރޭސި ޓޮޕް ޑިވިޝަންގެ ތަށި އުފުލާލައިފައެވެ. އޭގެ އިތުރުން ރެކޯޑު 13 ފަހަރަށް އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. ޔޫރޮޕްގެ މުބާރާތްތަކުގައި އާސެނަލުން ގިނަ ފަހަރެއްގެ މަތިން ވާދަކުރި ނަމަވެސް، އެޓީމަށް އަދި ޔޫރަޕްގެ މުބާރާތެއްގެ ތަށްޓެއް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް