ޕްރިލިމިނަރީ ސްކޮޑުން ފުރަތަމަ ބާކީކުރީ އައްޒާމް، ޔާމްބެ އަދި ގޯލްކީޕަރު މިފްދާދު

ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން، ޓީސީގެ ޒުވާން މިޑްފީލްޑަރު އައްޒާމް --- ފޮޓޯ/ އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ފުރަތަމަ އިއުލާންކުރި 30 ކުޅުންތެރިންގެ ސްކޮޑުން ތިން ކުޅުންތެރިއަކު ބާކީކޮށްފިއެވެ.

އަންނަ މަހު ހަތަރަކުން 14އަށް ބަންގާޅުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ކޭމްޕް ކުރުމަށް ޓީމުން މިއަދު ގަތަރަށް ފުރާފައިވާ އިރު، ޓީމާއެކު ދަތުރުކުރީ 27 ކުޅުންތެރިންނެވެ.

ސްކޮޑުން އުނިކުރި ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ އަބްދުﷲ އައްޒާމްގެ އިތުރުން ކްލަބު އީގަލްސްގެ ޒުވާން ގޯލްކީޕަރު މިފްދާދު އަހުމަދު އަދި މާޒިޔާ ސްޕޯޓްސް ކްލަބުގެ މޫސާ ޔާމީން (ޔާންބެ)އެވެ.

ގަތަރުގައި ބާއްވާ ފަރިތަކުރުންތަކަށްފަހު އަދިވެސްް ޓީމުން ހަތަރު ކުޅުންތެރިން ބާކީ ކުރާނެއެވެ. ސާފް ޗެމްޕިއަންޝިޕަށް ބަންގާޅަށް ދާނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ގައުމީ ޓީމުގެ ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިފައެއް ނުވެއެވެ.

ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ.

ދަގަނޑޭ ޓީމަށް ނުނެގި އެއް ސަބަބެއްގެ ގޮތުގައި ކޯޗު ފާހަގަކޮށްފައި ވަނީ އޭނާގެ އުމުރެވެ. އަދި އޭގެ އިތުރުންވެސް ކުރިން ބުނިގޮތަށް ޑިސިޕްލިންނާއި ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ޓީމަށް ނެގި ކަމަށް ވިސްނިކަމަށްވެސް ކޯޗު ބުނެފައިވެއެވެ.

އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށްފަހު ދަގަނޑޭ ބުނެފައި ވަނީ އެ މުބާރާތުން ރިޓަޔާ ކުރި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ދަގަނޑޭ ބުނީ، ކޯޗު ސެގަޓް އޭނާއަށް ޓީމުން ޖާގަ ދިން ނަމަ، މިފަހަރުގެ މުބާރާތަށް ދާން ތައްޔާރަށް ހުރި ކަމަށެވެ.

comment ކޮމެންޓް