އަނަންތާރާގެ އިންޓާންޝިޕް ފުރިހަމަކުރި ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ވަޒީފާ ދީފި

އަނަންތާރާ ރިސޯޓުން ކުރިއަށް ގެންދާ ޔަންގް އެކްސްޕްލޯރާ ޕްރޮގްރާމްގެ ދަށުން އިންޓާންޝިޕް ފުރިހަމަކުރި ބައިވެރިން ---

އަނަންތާރާ މޯލްޑިވްސް ރިސޯޓުން ހިންގަމުން އަންނަ އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖަކަށް އެ ރިސޯޓުން ވަޒީފާ ދީފި އެވެ.

އަނަންތާރާ ރިސޯޓުން ކުރިއަށް ގެންދާ ޔަންގް އެކްސްޕްލޯރާ ޕްރޮގްރާމްގެ ދަށުން އެ ކުއްޖާ ފުރިހަމަ ކުރީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕްއެކެވެ. އަދި ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެ ޕްރޮގްރާމްގެ ހަތަރު ވަނަ ބުރު ފުރިހަމަކުރި ޖުމްލަ ނުވަ ބައިވެރިންގެ ތެރޭގައި ހިމެނި އެ ކުއްޖާ ވަނީ ދަސްވެނިވެފައެވެ.

އަނަންތާރާ ރިސޯޓުގެ ޔަންގް އެކްސްޕްލޯރާ ޕްރޮގްރާމަކީ އޮސްޓްރޭލިއާއިން އެކްރެޑިޓްކޮށްފައިވާ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ބައިވެރިންނަށް ދެވޭ ޕްރޮގްރާމްކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމް ފުރިހަމަކުރުމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުއްޖާއަށް އަންނަ މަހުން ފެށިގެން އަނަންތާރާ މޯލްޑިވްސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅައިލުން ފޯރުކޮށްދެމުންދާއިރު، އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށުން މުޖުތަމައުއަށް ނުކުންނަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަވެފައި އޮތުމަކީ އެ މިނިސްޓްރީން އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ތަފާތު ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި އަންނަތާރާ މޯލްޑިވްސްއާއި ޖެންޑާ މިނިސްޓްރީއާއެކު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއެކު ވެސް އެފަދަ އެއްބަސްވުމެއްގައި މި ހަފްތާ ތެރޭގައި ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް