ޕްރޯ އީދު ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ

ޕްރޯ އީދު ފުޓްސަލް ކަޕް 2017ގެ ތެރެއިން ---

ގއ. އަތޮޅަށް ހުޅުވާލެވިގެން މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ޕްރޯ އީދު ކަޕް 2018 ފުޓްސަލް މުބާރާތުގައި ޓީމުތައް ބައިވެރިވުމުގެ މުއްދަތު ހަމަވުމަށް 10 ދުވަހަށް ވެއްޖެއެވެ.

ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ޕްރޯ އީދު ފުޓްސަލް ކަޕަކީ ޕްރޯ ސަޕްލަޔާސް ގެ ފަރާތުން ފަންޑުކޮށްގެން ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކުރާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ.

މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމަކުންނެވެ. މި ހުރިހާ ޓީމްތަކަކީވެސް ގއ. މާމެންދުއަށް ނިސްބަތްވާ ޓީމްތަކެކެވެ. އެއީ، ޕްރޮގްރެސިވް ސްޕޯޓްސް ކުލަބް، ގަތަރު އެފްސީ، ޔަންގް ސްޓާ އަދި ކުލަބް ޕީކޭއެވެ.

އީދާ ދިމާކޮށް އަންނަ މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. އިވެންޓް ސްޕޮންސަރަކީ އެން ފައިވްއެވެ. ކޯ ސްޕޮންސަރަކީ އެންގާއެވެ. ލޯކަލް ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ، އޯތު، ފޮލޯ ޑްރީމްސްގެ އިތުރުން ސާފް ފިއުލްއެވެ.

ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއިން މިދިޔަ އަހަރު މުބާރާތް ބޭއްވީ އެ ރަށަށް އެކަނި ނަމަވެސް މި އަހަރުގެ މުބާރާތް ހުޅުވާލީ މުޅި އަތޮޅަށެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާމެންދޫ ޔަންގު ސްޓާސްއެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައި ވަނީ 10،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ދީފައި ވަނީ 5،000 ރުފިޔާއެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައި ވަނީ މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާ އިރު، މިއަހަރުގެ މުބާރާތަށް ފުރުސަތު ހުޅުވާލާފައިވަނީ 12 ޓީމަށެވެ. ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއިން މައުލޫމާތު ދީފައިވަނީ މުބާރާތުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ، ރަޖިސްޓްރޭޝަން ފީ ކަމަށްވާ 3،500 ރުފިޔާ ދައްކާ ޓީމުތަކަށް ކަމަށެވެ.

ގއ. މާމެންދޫ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއަކީ އެ ރަށުގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ.

comment ކޮމެންޓް