ތިނަދޫއާއި އަލިފުއްޓަށްވެސް މޮޅެއް

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ---

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ގދ. ތިނަދުއާއި ރ. އަލިފުށިންވެސް މޮޅެއް ހޯދައިފިއެވެ.

މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ވަނީ ޖުމްލަ އަށް މެޗެއް ކުޅެފައެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ހދ. މަކުނުދޫއާއި އެއަތޮޅު ނާވައިދޫ ވާދަކުރި މެޗު ނާވައިދޫން ކާމިޔާބުކުރީ 7-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ނާވައިދޫގެ އަހުމަދު ހަމީދު ހެޓްރިކް ހަދާފައިވާ އިރު، އެޓީމުގެ އަނެއް ހަތަރު ގޯލް ކާމިޔާބު ކޮށްދިނީ ހުސައިން އަސްލަމް، ސިމްހާޒު ހަމީދު އަދި އަބްދުﷲ ވިޝާމެވެ. އޭގެ ތެރެއިން އަސްލަމް ވަނީ ދެ ގޯލް ޖަހައިފައެވެ.

މެޗުގައި މަކުނުދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޝަމްއޫނާއި ނުހާދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ކުރިއަށްދާ އިރު، ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ހދ. ކުމުންދުއާއި ނޭކުރެންދުއެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ރޭ ވަނީ ހދ. އަތޮޅުގެ އިތުރު މެޗެއްވެސް ކުޅެފައެވެ. އެ މެޗުގައި ނޮޅިވަރަންފަރުން ހަނިމާދޫ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ނޮޅިވަރަންފަރުގެ އިމްތިޔާޒް ދެ ގޯލް ޖަހައިދީފައިވާ އިރު، އަނެއް ދެ ގޯލް މުހައްމަދު އިސްމާއިލް އަދި މާދިހެވެ.

ރޭ ރ. އަތޮޅުގެ މެޗުތައްވެސް ކުޅެފައިވާ އިރު، އަލިފުށިން އިނގުރައިދޫގެ މައްޗަށް ކުރިހޯދީ 4-2ގެ ނަތީޖާއަކުންނެވެ.

އަލިފުށީގެ ގޯލްތައް ޖަހައިދިނީ އިބްރާހީމް ފުރުގާން (ފުގޭ)ގެ އިތުރުން އިސްމާއީލް މަމްދޫހު، މޫސާ ހަސަން އަދި މުހައްމަދު އަޒްލީފެވެ. އިނގުރައިދޫގެ ގޯލްތައް ޖަހައިދިނީ އަހުމަދު އައިހަމް އަދި މުހައްމަދު ސަފީރެވެ.

ގދ. ގައްދުއާއި ތިނަދޫ ވާދަކުރި މެޗު ތިނަދޫން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ތިނަދޫގެ ހަސަން ޒާހިދާއި ހަސަން ރިޝާއު ގޯލް ޖަހައިފައިވާ އިރު، ގައްދޫގެ ގޯލް ޖަހައިދިނީ އަމޫ އަބްދުﷲއެވެ.

ރޭ ކުޅުނު ގދ. އަތޮޅުގެ އަނެއް މެޗުގައި މަޑަވެއްޔާއި ވާދޫ ވާދަކުރި އިރު، މެޗު ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ. މަޑަވެލީގެ ދެ ގޯލްވެސް ނާއިފް ޝަފީގު ކާމިޔާބުކޮށްދިން އިރު، ވާދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ ވިގާމްއާއި ނާއިފެވެ.

ގއ. ދާންދުއާއި ކަނޑުހުޅުދޫ ރޭ ކުޅުނު މެޗު ދާންދޫން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދާންދޫގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ސައްތާރު، ޖާވިދު އަލީގެ އިތުރުން އިސްމާއީލް ނަސީރު އަދި ހުސައިން އަލީއެވެ.

ރޭ ކުޅުނު ފަހު މެޗުގައި ވާދަކުރީ ޅ. އަތޮޅުގެ ނައިފަރާއި ހިންނަވަރެވެ. އެ މެޗު ނައިފަރުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

ނައިފަރުގެ ހުސައިން ޝާރިފް ކާމިޔާބުކޮށްފައިވާ އިރު، އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ މަޖުދާން ސޯލިހެވެ. ހިންނަވަރުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަބްދުﷲ ނަފާޒެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 55 ޓީމު ވާދަކުރާނެއެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެ މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ.

comment ކޮމެންޓް