ލަބާން އެނބުރިއައި މެޗުގައި ގްރީންއަށް ބޮޑު މޮޅެއް

ގްރީންގެ ކީޕަރު ލަބާން މިއަދުގެ މެޗުގައި ކުޅެން ނުކުމެފައި ވަނީ ތިން އަހަރަށްފަހުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫ ބަލިކޮށް ކްލަބު ގްރީން ސްޓްރީޓްސްއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ގްރީންއިން ކާމިޔާބުކުރީ 6-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ގްރީންއިން ޖެހި ފުރަތަމަ ހަތަރު ގޯލްވެސް ފެނުނީ ފުރަތަމަ ހާފްގައެވެ. ދެވަނަ ހާފްގައި ދެ ގޯލް ފެނުނު އިރު، ގްރީންގެ އަބްދުﷲ މިސްބާހު ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ކުރިއަށް ޖެހިގެން އެޓޭކް ކޮށްފައި ވަނީ ގްރީންއިންނެވެ. ނިލަންދޫން ޑިފެންސަށް ސަމާލުކަން ދީގެން ކުޅެފައިވާ އިރު، ގްރީންގެ ކީޕަރާ ހަމައަށް ބޯޅަ ގޮސްފައި ވަނީ މަދު ފަހަރެއްގައެވެ. ގްރީންއިން މިއަދުގެ މެޗަށް ނެރެފައި ވަނީ ޒުވާން ކީޕަރު އިބްރާހީމް ލަބާން ޝަރީފެވެ.

މޭޑޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ފަހު، ކުޅުމާ ދުރުގައި ހުރި ގޯލްކީޕަރު ލަބާން ތިން އަހަރަށްފަހު މިއަދު ފުރަތަމަ މެޗަށް ނުކުމެފައިވާ އިރު، މިއަދުގެ މެޗުގެ ފުރަތަމަ ހާފް ވެގެންދިޔައީ އޭނާއަށް ފަސޭހަ މެޗަކަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދުއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ ތިން އަހަރު ކުރިން ލަބާން ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ އީގަލްސްގެ ފަރިތަކުރުންތަކުގައި އޭނާ ހުއްޓައެވެ. ލަބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު އޭރު ލަބާން ކުޅެމުންދިޔަ އީގަލްސްއިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ.

މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭގައި ގްރީންއިން ވަނީ ފަސޭހަ ހަތަރު ގޯލެއް ޖަހައިފައެވެ. ހަތްވަނަ މިނެޓުގައި ރޮލެންޑް ރަސެލް ގްރީންއަށް ލީޑު ނަގައިދިން އިރު، އޭގެ އަށް މިނެޓް ފަހުން މިސްބާހު ވަނީ ގްރީންއަށް ލީޑު ފުޅާކޮށްދީފައެވެ.

މިސްބާހުގެ ގޯލަކީ ނިލަންދޫގެ ކީޕަރު އަލީ ސޮބާހްގެ ފަރާތުން ފެނިގެންދިޔަ ގޯހެއްގެ ބޭނުން ހިފައި، އޭނާ ޖެހި ގޯލެކެވެ. ދެވަނަ ގޯލަށްފަހުވެސް މެޗު ޑޮމިނޭޓްކޮށް، ގިނަ ޕާސްތަކެއް ޖަހައިގެން ގްރީން ކުޅެމުންދިޔައީ ހަމަޖެހިގެންނެވެ. ރަނގަޅު ޕާސްތަކެއް ގްރީންގެ ފަރާތުން ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފްގައި އެޓީމުގެ ފަހަތަށް މާ ބޮޑު ނުރައްކަލެއް ނުވެއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ރަސެލްގެ ދެވަނަ ގޯލާއެކު އޭނާ ގްރީންގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދިން އިރު، އެ ގޯލަކީ އަހުމަދު ރިލުވާން ހުރަސް ކޮށްލި ބޯޅަ ފަސޭހަކަމާއެކު ގޯލަށް ވައްދާލައިގެން ރަސެލް ކާމިޔާބު ކުރި ގޯލެކެވެ.

ހާފް ނިމުމުގެ ކުރިން ރަސެލްއަށް ހެޓްރިކް ކާމިޔާބު ކުރުމަށްވެސް ފުރުސަތު ލިބިފައިވާ އިރު، އޭނާގެ ހަމަލާ ދިފާއުކުރީ ނިލަންދޫގެ ގޯލްކީޕަރު ސޮބާހެވެ. މެޗުގެ 27 ވަނަ މިނެޓްގައި މިސްބާހު ވަނީ އިތުރު ގޯލެއް ޖަހައި ގްރީންގެ ލީޑު 4-0އަކަށް ފުޅާކޮށްފައެވެ. މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ގްރީންއިން ހާފް ނިންމާލީވެސް އެ ނަތީޖާއާ އެކުގައެވެ.

ނިލަންދޫން ދެވަނަ ހާފަށް ނުކުތީ ވަރުގަދަކޮށެވެ. ކުރިއަށް ޖެހިގެން ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައިވާ އިރު، ހާފްގެ ކުރީކޮޅުގައި ނިލަންދޫގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ކުޅެން ނުކުތް އަޒުހާން ހަލީލްގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ފުރަތަމަ ހަމަލާ ކީޕަރު ލަބާން ހުޝިޔާރު ކަމާއެކު ދިފާއުކުރި އިރު، ބޮލުން ފޮނުވާލި ދެވަނަ ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަސް މިނެޓް ފަހުންވެސް ނިލަންދޫގެ އިތުރު ހަމަލާއެއް ފެނިގެންދިޔައެވެ. ކަނާތް ފަޅިން ހުރަސް ކުރި ކޯނަރަކުން ނިލަންދޫގެ ޑިފެންޑަރު ލަމްޕްޓޭ ސެމިއުލް ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ގްރީންގެ ކީޕަރު ލަބާންއެވެ.

ދެވަނަ ހާފްގައި މޮޅަށް ކުޅެމުންދިޔަ ނިލަންދޫން މެޗުގެ 68 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލެއް ޖެހުމާ ގާތަށް ޖެހިލެއެވެ. ގްރީންގެ އޭރިއާގެ ކަނާތް ފަޅިން ވަދެ އާދިލް އަލީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދުއާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިލަންދޫން ވަރުގަދައަށް ކުޅެމުން ދަނިކޮށް އަނެއްކާވެސް ގޯލް ޖަހައި ލީޑު ފުޅާކުރީ ގްރީންއިންނެވެ. ދެވަނަ ހާފްގައި ގްރީންއިން ހޯދި ފުރަތަމަ ހުސް ފުރުސަތުގައި އެޓީމަށް ފަސްވަނަ ގޯލް ޖަހައިދިނީ އަލީ ނަސޫހް ނަޝީދެވެ.

މެޗުގެ ފަހު މިނެޓުގައިވެސް ގްރީންގެ ފަރާތުން ރަނގަޅު ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ރަސެލްގެ ފުރަތަމަ ހަމަލާވެސް ނިލަންދޫ ގޯލް ކީޕަރު ސޮބާ ދިފާއުކުރި އިރު، ރިބައުންސް ބޯޅައިގައި ނަސޫހު ފޮނުވާލި ހަމަލާވެސް މަތަކުރީ ސޮބާހެވެ.

މެޗު ނިމެންދަނިކޮށް ގްރީންގެ މިސްބާހު އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. ގްރީންގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ، ބޯޅަ ގޯލައް ވައްދާލީ ކީޕަރު ސޮބާހުވެސް ނައްޓާލުމަށްފަހު ހުސް ދާގަނޑެއްގެ ތެރެއަށެވެ.

މިއަދުގެ މެޗުން މޮޅުވުމާއެކު ގްރީން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ހަތަރު މެޗުން ނިލަންދުއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ މިދިޔަ ހަފްތާގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ނިލަންދޫން ހޯދި ޕޮއިންޓެކެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. 9:00 ޖަހާ އިރު، ގައުމީ ދަނޑުގައި އޮންނަ މެޗުގައި ވާދަކުރާނީ ތ. ތިމަރަފުއްޓާއި ބ. ފެހެންދުއެވެ.

comment ކޮމެންޓް