ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ ޗެމްބަރު އެތެރެ --- ފޮޓޯ/ ރައްޔިތުން މަޖިލިސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑު އުވާލައި، އެ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް މަދުކޮށް، ބޯޑަށް އާ މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހް ރައްޔިތުން މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ ބިލް މަޖިލީހަސް މިއަދު ބަލައިގަތީ މަޖިލީހުގައި އެވަގުތު ތިއްބެވި 33 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓުންނެވެ.

އެ ބިލު ދިރާސާ ކުރުމަށް މިއަދު ވަނީ މިނިވަން މުއައްސާތަކާބެހޭ ކޮމެޓީއަށް ފޮނުވައިފަ އެވެ.

ޕީއެސްއެމްގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގައި ބުނާ ގޮތުން، އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ އެކު، ޕީއެސްއެމްގެ ބޯޑުގައި ތިއްބެވި ހަތް މެމްބަރުންގެ މަގާމު ހުސްވާނެ އެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 ދުވަހުގެ ތެރޭގައި ޕީއެސްއެމް ބޯޑަށް ދައުލަތުގެ ވިޔަފާރީ ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން މެމްބަރުން އައްޔަން ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލްގެ ނަމެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުން މަަޖިލީހުންނެވެ. އަދި ރައްޔިތުން މަޖިލީހަށް ނަންތައް ފޮނުވާނީ ރައީސް އެވެ.

ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގައި ބުނާގޮތުން، ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ. އަދި ކުރިން އޮތް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑް ފަސް މެމްބަރުންނަށް މަދު ކުރަން އިސްލާހުގައިވެ އެވެ. އެއީ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ދެން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.

އޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މެމްބަރުންގެ މުއްދަތު ހަތް އަހަރުން ހަތަރު އަހަރަށް ވަނީ ދަށްކޮށްފަ އެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް ބޯޑް މެމްބަރަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ދެ ދައުރެވެ.

comment ކޮމެންޓް