ޕީއެސްއެމް ބޯޑް މެމްބަރުން ވަކިކޮށް، ބޯޑަށް އާ މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސްއަށް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން "ޕީއެސްއެމް ނިއުސް"ގެ ނަމުގައި ޗެނަލެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން އެ މަގާމުތަކުން ވަކިކޮށް، އެ ބޯޑުގެ މެމްބަރުންގެ އަދަދު ފަހަކަށް ތިރިކޮށް، ބޯޑަށް އާ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބޭ ގޮތަށް ޕީއެސްއެމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، އެ ބިލަކީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ އެއް ވަނަ މާއްދާގެ (ހ)ގައި ޕަބްލިކް ސާވިސްގެ ގާނޫނުގެ ގޮތުގައި ވަކި ކުންފުންޏެއް ގާއިމްކޮށް ހިންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ކުންފުނި އެކުލަވާލުމާއި ހިންގުމުގައި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް މުހިންމު މަފްހޫމްތަކާއި ސިފަތައް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ހިމެނިފައިނުވާތީ، އެކަން އެ އިސްލާހުގެ ތެރެއިން ހަރުދަނާކޮށް ހިންގުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށެވެ.

އަދި ޕަބްލިކް ސާވިސް މީޑިއާގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދައި އެ ކުންފުންޏަށް ދައުލަތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރެއްގައި، ގާނޫނުގެ ތެރެއިން މިއަދު ހުށަހެޅި އިސްލާހްތައް ފާސްވުމުން އެއީ އެ ކުންފުނި ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މެމްބަރު ވިދާޅުވި އެވެ.

އެގޮތުން ޕީއެސްއެމްގެ ގާނޫނަށް މިއަދު ގެންނަން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމާ އެކު، ޕީއެސްއެމްގެ ބޯޑުގައި ތިއްބެވި ހަތް މެމްބަރުންގެ މަގާމު ހުސްވާނެ އެވެ.

އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 ދުވަހުގެ ތެރޭގައި ޕީއެސްއެމް ބޯޑަށް ދައުލަތުގެ ވިޔަފާރީ ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން މެމްބަރުން އައްޔަން ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްއެމް ބޯޑުގައި މިހާރު ހިމެނޭ ހަތް މެމްބަރުންނަކީ އެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި ހއ. އިހަވަންދޫ ނޫފަރު މަހްމޫދު އަލީ އާއި މ. ޕެޓީވިލާ އައިމިނަތު ޝާޔަން ޝާހިދާއި ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލްގެ ނަމެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުން މަަޖިލީހުންނެވެ. އަދި ރައްޔިތުން މަޖިލީހަށް ނަންތައް ފޮނުވާނީ ރައީސް އެވެ.

ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގައި ވާގޮތުން، ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސްގެ އިރުޝާދުގެ މަތިން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަން ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންގެ ބޯޑުންނެވެ.

އަދި ކުރިން އޮތް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑް ފަސް މެމްބަރުންނަށް މަދު ކުރަން އިސްލާހުގައިވެ އެވެ. އެއީ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ދެން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.

އޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މެމްބަރުންގެ މުއްދަތު ހަތް އަހަރުން ހަތަރު އަހަރަށް ވަނީ ދަށްކޮށްފަ އެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް ބޯޑް މެމްބަރަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ދެ ދައުރެވެ.

comment ކޮމެންޓް