ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޭންޑްބޯލް ކޯޗިން، ލެވެލް އެކެއް އަދި ދޭއްގެ ކޯހެއް ކުރިއަށް ގެންގޮސްފި

ލެވެލް އެކެއް އަދި ދޭއްގެ ހޭންޑްބޯލް ކޯޗިން ސެޓްފިކެޓް ހާސިލްކުރި ކޯޗުން --- ފޮޓޯ/ ހޭންޑްބޯލް އެސޯސިއޭޝަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވެލް އެކެއް އަދި ދޭއްގެ ހޭންޑްބޯލް ކޯޗިން ކޯހެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސްއާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ގައުމީ ހޭންޑްބޯލް މައިދާނުގައި މިމަހު ދެއަކުން އަށަކަށް ކުރިއަށް ގެންދިޔަ ކޯހުގައި 13 ކޯޗަކު ތަމްރީނުވެފައިވެއެވެ.

އެގޮތުން 11 ކޯޗަކުން ލެވެލް އެކެއްގެ ސެޓްފިކެޓް ހާސިލް ކުރި އިރު، ދެ ކޯޗަކު ވަނީ ލެވެލް ދޭއްގެ ސެޓްފިކޭޓް ހާސިލްކޮށްފައެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެކިއެކި ހޭންޑްބޯލް ކޯޗިން ކޯސްތަކުން ގާތް ގަނޑަކަށް 150 ބޭސިކް ކޯޗުން ތަމްރީނުކޮށްފައިވާ އިރު، މިއީ ލެވެލް އެކެއް އަދި ދޭއްގެ ކޯޗުން ތަމްރީނުކުރި ފުރަތަމަ ފަހަރެވެ. އިއްޔެ ނިންމާލި ކޯޗިން ކޯހުގައި ކޯޗުންނަށް ކިޔަވާދީފައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ހޭންޑް ބޯޅަ ކޯޗުންނެވެ.

ކޯޗިން ކޯސްތަކާ ގުޅިގެން ހޭންޑްބޯލް އެސޯސިއޭޝަނުން ބުނެފައި ވަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ހޭންޑްބޯލް ރާއްޖޭގައި ކުރިއަރަމުންދާ މިންވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، މިފަދަ ކޯސްތައް ބޭއްވުމުގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސްއިން ދެއްވާ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އޭގެ އިތުރުންވެސް ކޯޗިން ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށްވެސް ހޭންޑްބޯލް އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް ތަފާތު މަސައްކަތްތައް ކުރަމުންދެއެވެ. އެގޮތުން ކޯޗުން ތަމްރީނު ކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް