40 އަހަރަށްފަހު ތޫނިސްއަށް ވޯލްޑް ކަޕްގައި މޮޅެއް

ޕެނަމާއާއި ޓިއުނޭޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސާޅީސް އަހަރަށްފަހު ޓިއުނޭޝިއާ (ތޫނިސް)އިން ވޯލްޑް ކަޕްގައި މޮޅެއް ހޯދައިފިއެވެ.

ތޫނިސްއިން މިރޭ އެކަޓެރިންބާގް އެރީނާގައި ކުޅުނު މެޗުގައި ފަހަތުން އަރާ ޕެނަމާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ކުރިން ތޫނިސްއަށް އެންމެފަހުން ވޯލްޑް ކަޕް މެޗަކުން މޮޅުވެވިފައި އޮތީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައެވެ. އެ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ތޫނިސްއިން މެކްސިކޯ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

އޭގެ ފަހުން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތޫނިސް ކޮލިފައިވެފައި ނުވި ނަމަވެސް، 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ތޫނިސްއިން ވަނީ ކުޅެފައެވެ. އެހެން ނަމަވެސް މޮޅެއް ލިބިފައެއް ނުވެއެވެ. މިއަަހަރުގެ ވޯލްޑް ކަޕަށް ތޫނިސް ކޮލިފައިވީ ދެ ފަހަރަށް ފަހުގައެވެ. ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި ބެލްޖިއަމް އަތުންވެސް ބަލިވި ތޫނިސް މިރޭ މޮޅުވީ އަލަށް ވޯލްޑް ކަޕްގައި ކުޅޭ ޕެނަމާއާ ދެކޮޅަށެވެ.

ޕެނަމާއާއި ޓިއުނޭޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗު ވަރުގަދަކޮށް ފެށީ ތޫނިސްއިން ނަމަވެސް 33 ވަނަ މިނެޓުގައި ލީޑު ނެގީ ޕެނަމާއިންނެވެ. ހޯޒޭ ލުއިޒް ރޮޑްރިގޭޒް ފޮނުވާލި ހަމަލާ ގޯލަށް ވަނީ ތޫނިސްގެ ޑިފެންޑަރު ޔަސީން މެރިއާ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގައި ތޫނިސްއިން ޖުމަލް 14 ހަމަލާއެއް އުފެއްދި އިރު، ފުރަތަމަ ހާފް އެޓީމަށް ނިންމާލަން ޖެހުނީ 1-0ގެ ނަތީޖާއަކުން ފަހަތުގައި އޮވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ތޫނިސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ފަހުރުއްދީން ބިން ޔޫސުފްގެ ގޯލުން ތޫނިސް ނަތީޖާ ހަމަހަމަ ކުރި އިރު، މެޗުގެ 66 ވަނަ މިނެޓްގައި ތޫނިސްއިން ފަހަތުންއަރައި ލީޑު ނެގިއެވެ. ތޫނިސްގެ ގޯލް ޖެހީ މިރޭގެ މެޗުގައި ފުރަތަމަ ގޯލް ޖެހުމަށް އެސިސްޓް ކޮށްދިން ވަހްބީ ކަޒާރީއެވެ.

ޕެނަމާއާއި ޓިއުނޭޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ތޫނިސްއަށް މިއަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަޒާރީ ވަނީ ބެލްޖިއަމްއާ ދެކޮޅަށް އެޓީމުން ކުޅުނު މެޗުގައިވެސް ގޯލް ޖަހައިފައެވެ. މިރޭވެސް ކަޒާރީގެ އިތުރު ހަމަލާއެއް ފެނިގެންދިޔައެވެ. އޭނާގެ ބާރު ހަމަލާގެ ހުރަހަކަށްވީ ޕެނަމާގެ ކީޕަރު ޖޭމީ ޕެނަޑޯއެވެ. ކަޒާރީގެ މޮޅު ކުޅުމާއެކު އޭނާ ގަތުމަށް ސަންޑަލޭންޑަށް ޓީމުތަކުން އެދެމުން ދާ ކަމަށް ކަލްބުން ވަނީ ބުނެފައެވެ.

ތޫނިސްއާއި ޕެނަމާ ހިމެނޭ ގްރޫޕް ޖީން ގަދަ 16އަށް ދަތުރުކޮށްފައި ވަނީ ބެލްޖިއަމްއާ އިންގްލެންޑެވެ. އެ ދެޓީމުން މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދީ ބެލްޖިއަމްއެވެ.

comment ކޮމެންޓް