އެމްއީސީސީގައި ހޭންޑްބޯލް ތަމްރީނު ކޭމްޕެއް ފަށައިފި

އެމްއީސީސީގައި ހިންގާ ހޭންޑްބޯލް ތަމްރީނުތަކުގެ ތެރޭން-- ފޮޓޯ: އެމްއީސީސީ

ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަން ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންނަށް ހޭންޑްބޯލް ޓްރެއިނިންގް ކޭމްޕެއް ފަށައިފި އެވެ.

ލަންކާގައި ހުންނަ ދިވެހި ސަރުކާރުގެ އިމާރާތް، ސޯސަން ވިލާގައި ގާއިމް ކޮށްފައިވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓާ (އެމްއީސީސޯ)ގައި އެ ޓްރެއިނިންގް ކޭމްޕް ހިންގުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 އިން 30 އަށެވެ. ތަމްރީނުތައް ކުރިއަށް ގެންދަނީ، ސަރުކާރުން ސޯސަން ވިލާގައި އަޅާފައި އޮންނަ ޓާފް ދަނޑުގަ އެވެ.

ދެ ބެޗަކަށް ބަހާލައިގެން ކޮންމެ ދުވަހެއްގެ ވެސް ހެނދުނާއި ހަވީރު ބާއްވާ މިކޭމްޕްގައި ޖުމްލަ 73 އަންހެން ކުޅުންތެރިންނާއި 13 ފިރިހެން ކުޅުންތެރިން އަދި ކޯޗުން ބައިވެރިވެފައިވެ އެވެ.

މިކޭމްޕްގައި އިރުޝާދު ދެނީ ދިވެހިރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސޮފީހް ސާމިރު އާ ސީނިއާ ގައުމީ ހޭންޑްބޯލް ޓީމުގެ ކެޕްޓަން އަދި ގައުމީ ޖޫނިއާ ހޭންޑްބޯލް ޓީމްގެ ކޯޗް އިބްރާހިމް ހައިޝަމް އަބްދުﷲ އެވެ.

ތަމްރީނު ޕްރޮގްރާމްގެ ތެރެއިން މި މަހުގެ 29 ވަނަ ދުވަހު ހޭންޑްބޯލް މުބާރާތެއް އެމްއީސީސީގައި ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއީސީސީ އިން ބުންޏެވެ.

އެމްއީސީސީގައި ހިންގާ ހޭންޑްބޯލް ތަމްރީނުތަކުގެ ތެރޭން-- ފޮޓޯ: އެމްއީސީސީ

އެމްބަސީގެ ސެކަންޑް ސެކެރެޓަރީ ހުސައިން މާޒިން ސަންއަށް ވިދާޅުވީ، ހޭންޑްބޯލް އަކީ ސްރީލަންކާގައި ދިރިއުޅޭ ޒުވާން ކަނބަލުންގެ މެދުގައި ވަރަށް މަގްބޫލު އަދި އެހާމެ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ. އެގޮތުން އެމްއީސީސީގައި މިހާރު ހަތް2 ޓީމު ރެޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަހަރަކު ދެ މުބާރާތް ރާވައި ހިންގާ ކަމުގައި އޭނާ ވިދާޅުވި އެވެ.

"ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ރަސްމީ މަސައްކަތްޕުޅުގެ ތެރޭގައި ސޯސަންވިލާގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ވަރަށް އިސްކަމެއް ދެއްވައިގެން ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގާ ހަރަކާތް ތަކެއް. މިއަންނަ މަހުގެ ތެރޭގައި ވެސް ތަފާތު ގިނަ މުބާރާތްތަކާ ހަރަކާތްތައް ރާއްވަވަމުން އެބަ ގެންދަވާ،" މާޒިން ވިދާޅުވި އެވެ.

"މިހާރު ސޯސަންވިލާގައި ކުރިއަށް މިދާ ހޭންޑްބޯލް ޓްރެއިނިންގް ކޭމްޕަށް ޓަކައި ހޭންޑްބޯލް މޯލްޑިވްސް އެސޯސިއޭޝަނުން ދެއްވި އެހީތެރިކަމަށާއި އެއްބާރުލެއްވުމަށް ސަފީރު މުންދު ވަރަށް ބޮޑަށް އެފަރާތަށް ޝުކުރު އަދާ ކުރައްވާ."

މާޒިން ވިދާޅުވީ، މި އަހަރުގެ ފަހުކޮޅުގައި ދެފަރާތް ގުޅިގެން ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަވަށްޓެރި ސްރީލަންކާއަކީ ދިވެހި ޒުވާނުންގެ ވެސް ބޮޑު އާބާދީއެއް އޮންނަ ތަނެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލާފައިވާ ޒުވާނުންގެ ސިޔާސަތުގެ ދަށުން ސޯސަންވިލާ މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް، އެއްވެސް އަގަކާނުލާ އެމްބަސީ އިން އަންނަނީ ފޯރުކޮށްދެމުން ކަން މާޒިން ފާހަގަކުރެއްވި އެވެ.

"ފުޓްސެލް އެރީނާއަކާއި ޖިމް އަދި އަންހެން ބޭފުޅުންނަށް ޚާއްޞަ ޒުމްބާގެ ޚިދުމަތާއި، ސައުންޑް ޕްރޫފް މިއުޒިކް ރޫމް އަދި އިންޑޯ އެކިއެކި ކުޅިވަރު ކެޅެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައި. އަދި ސޯސަންވިލާއިން ދެވޭ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަކީ ސީދާ ރައީސް ޔާމީންގެ ލަފާފުޅުގެ މަތިން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެއް،" މާޒިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލަންކާގައި ދިރިއުޅޭ ދިވެހި ލޮބުވެތި ރައްޔިތުން މިކަން ވަރަށް އިޚްލާސްތެރި ހިތަކާ އެކު ބަލައިގެންފައިވާ ކަމަށެވެ.

"މިކަމަށްޓަކައި ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އެބޭފުޅުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ. އަދި ސޯސަންވިލާގައި ޒުވާނުންނަށް ހިންގާ އެކިއެކި ހަރަކާތްތަކަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށާއި މިނިސްޓަރު އިރުތިޝާމް އާދަމްއަށް ވެސް ޝުކުރު އަދާކުރޭ." މާޒިން ވިދާޅުވި އެވެ.

comment ކޮމެންޓް