ޓްރިވެންޑްރަމްގައި އުޅޭ ދިވެހީންނަށް ވޯލްޑްކަޕް ބަލަން ޚާއްސަ މަރުކަޒެއް!

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސް-- ސަން ފޮޓޯ

އިންޑިއާގެ ޓްރިވެންޑްރަމަކީ، ބޭރު ގައުމެއްގައި ދިވެހީ އެންމެ ގިނައިން އުޅޭ އެއް ސިޓީއެވެ. ރާއްޖޭގައި ދިވެހީންނަށް ލިބޭ ތަފާތު ފަސޭހަތައް ބޭރުގައި އުޅޭ ދިވެހީންނަށް ވެސް ހަމަޖެހިފައި އޮތުމަކީ ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރުގަދަވެގެންދާނޭ ކަމެއްކަން ޔަގީނެވެ.

މިވަގުތު ދިވެހީންގެ ތެރޭގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތީ ރަޝިއާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށެވެ.

ދިވެހީންނަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ބަޔަކަށް ވާތީ، ފުޓްބޯޅަ ބަލަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުމަކީ ކޮންމެ ތަނެއްގައި ދިރިއުޅުނަށް ދިވެހީން ވަރަށް ބޮޑަށް އެދޭނޭ ކަމެކެވެ.

ޓްރިވެންޑްރަމްގައި ހުން ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން މިހާރު ވަނީ، އެތަނުގައި އުޅޭ ދިވެހީންނަށް ވޯލްޑް ކަޕް މެޗުތައް ބަލަން ޚާއްސަ އިންތިޒާމެއް ހަމަޖައްސައިދީފައެވެ.

"ކޮންސިއުލޭޓް އޮފީހުގައި ވޯލްޑް ކަޕް ބެލޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައި. ޕްރޮޖެކްޓަރުން ބޮޑު ސްކްރީންގައި މެޗްތައް ބެލުމަށް ހުރިހާ ޒުވާނުންނަށް އަދި މިތަނުގައި އުޅުއްވާ ދިވެހީންނަށް ދައުވަތު އަރުވަން،" ޑެޕިއުޓީ ކޮންސުލް ޖާދުﷲ ހުސައިން ތައުފީގު ސަންއަށް ވިދާޅުވިއެވެ.

comment ކޮމެންޓް