މިސްރުގެ ޓީމު ފަރިތަކުރުންތަކުގައި --- ފޮޓޯ/ އޭޕީ

މިއަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައި ވަނީ 29 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. ރެކޯޑު ހަތް ފަހަރެއްގެ މަތިން އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފައިވާ މިސްރު މީގެ ކުރިން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅެފައި ވަނީ 1990 ވަނަ އަހަރުގައެވެ.

މި ދޭތެރެއަކުން މިސްރުގެ ފުޓުބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލި އިރު، އެޓީމަށް ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޖާގަވެސް ގެއްލިފައެވެ. އެެހެން ނަމަވެސް އާ ހުނަރުވެރި ކުޅުންތެރިންތަކަކާއެކު މިސްރަށް އަނެއްކާވެސް ވޯލްޑް ކަޕްގެ ފުރުސަތު ލިބިފައިވާ އިރު، ގްރޫޕް އޭއިން ގަދަ 16 އަށް މިސްރު ދެމިގަންނާނެ ކަމަށް ގިނަ ބަޔަކު އަންދާޒާ ކުރެއެވެ.

އެފްރިކާގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް މިސްރު ވަނީ މީގެ ކުރިން ތިން ފަހަރެެއްގެ މަތިން ވޯލްޑް ކަޕް ކުޅެފައެވެ.

ކޯޗު: ހެކްޓާ ކޫޕާ

މިސްރުގެ ކޯޗު ހެކްޓާ ކޫޕާ --- ފޮޓޯ/ އޭޕީ

އާޖެންޓީނާއަށް އުފަން އުމުރުން 64 އަހަރުގެ ހެކްޓާ ކޫޕާއަކީ ތަޖުރިބާކާރު ކޯޗެކެވެ. މީގެ ކުރިން ޕެނަމާއާއި ޖޯޖިއާގެ ކޯޗުކަންވެސް ކޮށްފައިވާ ހެކްޓާ ކޫޕާ ވަނީ ސްޕެނިޝް ލީގުގެ ޓީމުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ހެކްޓާ ކޫޕާގެ ސްޓައިލަށް ބަލާ އިރު، މިސްރުގެ ޓީމުގައި އޭނާ ބޭނުން ކުރާ ސްޓައިލަކީ ކައުންޓާ އެޓޭކިން ފުޓުބޯޅައެކެވެ. މެޗުގެ ގިނަ ވަގުތުގައި ޑިފެންސްކޮށް، ކުރިއަށް ޖެހޭ ވަގުތު ކައުންޓާ އެޓޭކް ކޮށްގެން މިސްރުން ކުޅޭކަން ފާހަގަކުރެވިފައިވާ އިރު، މިހާތަނަށް ހެކްޓާ ކޫޕާގެ ޓެކްޓިކްސް ކާމިޔާބު ކަމަށް ބުނެވިދާނެއެވެ.

ތަރި: މުހައްމަދު ސަލާހް

މިސްރުގެ ތަރި މުހައްމަދު ސަލާހް --- ފޮޓޯ/ އޭޕީ

މިސްރުގެ ޓީމުގެ ތަރިއަކީ ލިވަޕޫލްގެ ފޯވަޑް، މުހައްމަދު ސަލާހް ކަމާމެދު ދެބަސްވާނީ މަދު މީހެކެވެ. މި ސީޒަންގައި ޔޫރަޕްގެ ލީގުތަކުގައި ކުޅުނު ހުރިހާ ކުޅުންތެރިންނާ އަޅާ ކިޔާ އިރުވެސް، ސަލާހްގެ ނަން ފާހަގަކޮށްލެވޭނެއެވެ.

ސީޒަންގައި ލިވަޕޫލާއެކު ކުޅުނު 56 މެޗުން 46 ގޯލް ޖަހައިފައިވާ ސަލާހް ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ޕްރިމިއާ ލީގުގެ ރަން ބޫޓާއި މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހާސިލްކުރި ސަލާހަށް ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާއެކު އޭނާއަށް ވޯލްޑް ކަޕްގެ ބައެއް މެޗުތައް ގެއްލިދާނެ ކަމަށް ކުރިން ހީވި ނަމަވެސް، މިސްރުގެ ކޯޗު، ހެކްޓާ ކޫޕާ ވަނީ އޭނާ ފުރަތަމަ މެޗުގައި ކުޅޭނެ ކަމަށް ބުނެފައެވެ.

އެތައް އަހަރަކަށްފަހު މިސްރު، ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައިވެސް ސަލާހްގެ ހިއްސާ ބޮޑެވެ. ކޮލިފައިންގައި ކުޅުނު ހަ މެޗުން ފަސް ގޯލް ޖަހައިފައިވާ އިރު، މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން މުހިއްމު ޕެނެލްޓީ، އެޓީމުގެ ކޮލިފިކޭޝަން އެންމެ ފަހު މެޗުގައި ކާމިޔާބުކުރި ސަލާހަކީ އެގައުމުގެ ހީރޯއެކެވެ.

ސަލާހްގެ އިތުރުން މިސްރުގެ ކީޕަރު އެސާމް އަލް ހާދަރީއަށްވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ލޯތައް އަމާޒު ވެގެންދާނެއެވެ. އެގޮތުން އުމުރުން 45 އަހަރުގެ ކީޕަރު ވެގެންދާނީ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ގްރޫޕް އޭ:

ރަޝިއާ، މިސްރު، އުރުގުއޭ، ސައުދީ އަރަބިއާ

މިސްރުގެ ގްރޫޕް ސްޓޭޖު މެޗުތައް:

  • 15 ޖޫން، މިސްރު - އުރުގުއޭ
  • 19 ޖޫން، ރަޝިއާ - މިސްރު
  • 25 ޖޫން، ސައުދީ އަރަބިއާ - މިސްރު
comment ކޮމެންޓް