މިސްރުގެ ފުރަތަމަ މެޗުގައި ސަލާހް ކުޅޭނެ

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް މިސްރުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިސްރުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި އެޓީމުގެ ތަރި މުހައްމަދު ސަލާހް ކުޅޭނެ ކަމަށާއި، އޭނާ ހުރީ 100 ޕަސެންޓް ފިޓްކޮށް ކަމަށް ކޯޗު ހެކްޓާ ކޫޕާ ބުނެފިއެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ފޯވަޑް، މުހައްމަދު ސަލާހްގެ ކޮނޑު ހުޅަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާގެ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ އިރު، މިސްރުގެ ފެޑަރޭޝަނުން ވަނީ ސަލާހްގެ ފިޓްނަސްއަށް ބޮޑު ޔަގީން ކަމެއް ދީފައެވެ.

ވޯލްޑް ކަޕްގެ ކުޅުން މިރޭ ފަށައިފައިވާ އިރު، މިރޭގެ މެޗުގައި ވާދަކުރަނީ މިސްރު ހިމެނޭ ގްރޫޕް އޭގެ ސައުދީ އަރަބިއާ އަދި މުބާރާތް ބާއްވާ ގައުމު ރަޝިއާއެވެ.

މިސްރުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ. އެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން މިސްރުގެ ކޯޗު، ކޫޕާ ބުނީ މާދަމާރޭގެ މެޗުގައި ސަލާހް ކުޅޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ.

" ފަހުވަގުތު ނުކުޅެވޭނެ ފަދަ ހާލަތެއް ދިމާނުވާހާ ހިނދަކު ސަލާހް ކުޅޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން. ސަލާހް ވަރަށް އަވަހަށް ރިކަވާ ވެއްޖެ. އޭނާ މިހާރު ހުރީ އެއްކޮށް ފިޓްކޮށް. ޑޮކްޓަރުން ސަލާހަށް އިތުބާރު ދިން ކުޅުމަށް. އެކަމަކު އޭނާއަށް އިހުތިޔާރު އޮތް ފުރަތަމަ މެޗު ނުކުޅެން. ސަލާހް ބޭނުންވީ ކުޅެން،" ކޫޕާ ބުންޏެވެ.

ކޫޕާ ބުނީ ސަލާހް ހުރި ފޯމަށް ބަލާ އިރު، އޭނާ މުބާރާތުގައި ވިދާލާނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށާއި، މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާނެ އެއް ކުޅުންތެރިއަކަށްވެސް ސަލާހް ވުން ގާތް ކަމަށެވެ.

މިސްރު ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ 29 އަހަރުގެ މެދު ކެނޑުމަކަށް ފަހުގައެވެ. އެ ޓީމު މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ސަލާހްގެ ހިއްސާ ބޮޑެވެ.

comment ކޮމެންޓް