އިނގިރޭސިވިލާތުން ކޮސްޓަރީކާ ބަލިކޮށްފި، ވިދާލީ ރަޝްފޯޑު

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރަޝްފޯޑު --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސިވިލާތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ކޮސްޓަރީކާ ބަލިކޮށްފިއެވެ.

އަމިއްލަަ ގައުމުގައި ރޭ ކުޅުނު މެޗު އިނގިރޭސިވިލާތުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. އިނގިރޭސިވިލާތުގެ ގޯލްތައް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާކަސް ރަޝްފޯޑާއި ޑެނީ ވެލްބެކެވެ.

އިނގިރޭސިވިލާތުގެ ގެރެތު ސައުތުގޭޓް ރޭގެ މެޗަށް ނެރެފައި ވަނީ ކުރީގެ މެޗާ ތަފާތު ފުރަތަމަ 11 އެކެވެ. އެގޮތުން ރޭގެ މެޗަށް އިނގިރޭސިވިލާތް ނުކުތީ ފުރަތަމަ 11އަށް 10 ބަދަލަކާ އެކުގައެވެ.

މެޗަށްފަހު ސައުތުގޭޓް ބުނީ ޓީމަށް ގެނައި ގިނަ ބަދަލުތަކަކާއެކުވެސް ޓީމުގެ ކުޅުމުގެ ފެންވަރު ދެމެހެއްޓުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އޭގެ މާނައަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ޓީމުގެ ކުޅުން އެނގޭ ވަރު ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މުހިއްމު ކަމަށް ސައުތުގޭޓް ބުންޏެވެެ.

ނައިޖީރިއާއާ ދެކޮޅަށް ސައުތުގޭޓް ނެރުނު ފުރަތަމަ 11ގައި ރަޝްފޯޑު ނުހިމެނުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އަދި ރޭގެ މެޗުގައި ރަޝްފޯޑު ދެއްކި ކުޅުމާއެކު ރަޝްފޯޑަށް ވޯލްޑް ކަޕްގައި އިނގިރޭސިވިލާތުން ކުޅޭ ފުރަތަމަ މެޗުންވެސް ޖާގަ ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިނގިރޭސިވިލާތް ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ގްރޫޕް ޖީ ގައެވެ. އިނގިރޭސިވިލަތުގެ އިތުރުން އެ ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް، ޕެނަމާ އަދި ޓިއުނޭޝިއާއެވެ. ކޮސްޓަރީކާ ހިމެނެނީ ގްރޫޕް އީގައެވެ. އެ ގްރޫޕްގައި ހިމެނެނީ ކޮސްޓަރީކާގެ އިތުރުން ވަރުގަދަ ބްރެޒިލާއި ސްވިޒަލޭންޑް އަދި ސާބިއާއެވެ.

comment ކޮމެންޓް