ފޯކައިދޫ ކޯޗަކަށް ނިސްތާރު

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މާޅޮހާއި ތިނަދޫ ބައްދަލުކުރި މެޗަށްފަހު ނިސްތާރު ނޫސްވެރިންނާ ވާހަކަދައްކަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމު، ށ. ފޯކައިދޫގެ ކޯޗަކަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހަށް ކޯޗުކޮށްދިން އަލީ ނިސްތާރު ހަމަޖައްސައިފިއެވެ.

ނިމިދިޔަ ދިވެހި ޕުރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށް ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، އަލީ ނިސްތާރު މިފަހަރުވެސް މިނިވަން ޗެމްޕިއަންޝިޕަށް ނުކުތީ މާޅޮހާ އެކުގައެވެ. މާޅޮހުން މުބާރާތުގެ ފައިނަލް ބުރުގައި ވާދަކޮށްފައިވާ އިރު، އެޓީމަށް ސެމީ ފައިނަލަށް ދެވިފައެއް ނުވެއެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ނިސްތާރުއާއެކު ނުކުތް މާޅޮހުން 14 މެޗުން ނުވަ ޕޮއިންޓާއެކު ހަތްވަނައިގައި އޮވެ ނިންމާލި ނަމަވެސް، މާޅޮސްގެ ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ހާއްސަކޮށް އެޓީމުން ވިދާލި ކުޅުންތެރިން މާލޭ ލީގުގައި ކުޅޭ ބައެއް ޓީމުތަކުން ފެންނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މާޅޮހުން ވިދާލި އަހުމަދު އާރިފް (އާރީ) މިސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބުން ފެނިގެންދާ އިރު، ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު، އިބްރާހީމް ޒަމީރު (އިބޫ) ވަނީ މިސީޒަނަށް ކްލަބު ވެލެންސިއާއާ ގުޅިފައެވެ.

ދާދިފަހުން ރާއްޖޭގައި ބޭއްވި އޭއެފްސީ އޭ ލައިސަންސް ކޯޗިން ކޯސް ވެސް ފުރިހަމަކުރި ނިސްތާރު ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ބީޖީއާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން އީގަލްސްގެ އެސިސްޓެންޓް ކޯޗު ކަމުގައިވެސް ނިސްތާރު ފެނިގެން ގޮސްފައިވެއެވެ.

ފޯކައިދޫގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނިގެން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ޓީމުތަކަކީ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ބ. ފެހެންދޫ އަދި ފ. ނިލަންދުއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ފޯކައިދުއާއި ތިމަރަފުށި ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ތިމަރަފުއްޓެވެ.

comment ކޮމެންޓް