ބައްޕަ އެންމެ ކުރާހިތުން ކުރެއްވި ކަމަކީ އިލްމީ ދިރާސާ ކުރުމާއި އިލްމް އުގަންނަވައި ދެއްވުމުގެ މަސައްކަތް: ޑރ. މަޖީދުގެ ދަރިކަލުން

ޑރ. އަބްދުލްމަޖީދުގެ ތައުބީރުގެ ޖަލްސާގައި އެމަނިކުފާނުގެ ދަރިކަލުން ފަރާސް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދާދި ފަހުން އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެނެމް ކުރާ ހިތުން ކުރެއްވި ކަމަކީ އިލްމީ ދިރާސާ ކުރައްވައި އެހެން މީހުނަށް އިލްމް އުގައްނަވައި ދެއްވުމުގެ މަސައްކަތް ކަމަށް އެމަނުކުފާނުގެ ދަރުކަލުން އަހުމަދު ފިރާސް ވިދާޅުވެއްޖެއެވެ.

ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިރާސް ވިދާޅުވީ ބައްޕާފުޅު ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދެއްކިދާނެ ކަމަށެވެ. އެގޮތުން ފިރާސް ވަނީ ބައްޕާފުޅު އިޖްތިމާއީ އަދި ސިޔާސީ މަސައްކަތްފުޅު ކުރެއްވުމުގައި ގެންގުޅުއްވި ހަމަތަކުގެ މައްޗަށް އަލި އަޅުއްވާލައި ވާހަކަ ދައްކަވާފައެވެ.

ސިޔާސީ އަދި އިޖްތިމާއީ މަސައްކަތަކީ ބައްޕާފުޅު ވަރަށް ބޮޑު އަހުމިއްޔަތެއް ދެއްވި ދެ ދާއިރާކަން ފާހަގަކުރައްވައި ފިރާސް ވިދާޅުވީ އެންމެ ބޮޑު އަހުމިއްޔަތެއް ބައްޕާފުޅު ދެއްވީ އިލްމީ ދިރާސާ ކުރެއްވުމާއި އެހްނެ މީހުނަށް އިލްމް އުގައްނަވައި ދެއްވުމަށް ކަމަށެވެ.

ޑރ. އަބްދުލްމަޖީދުގެ ތައުބީރުގެ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ބައްޕަ އެންމެ ކުރައްވާހިތުން ކުރެއްވި ކަމަކީ އިލްމީ ދިރާސާ ކުރެއްވުމާއި އިލްމް އުގައްނަވައި ދެއްވުމުގެ މަސައްކަތް. ދީނީ އިލްމް އުގައްނަވައި ދިނުމާއި ދީނުގައި ކަން އޮންނަ ގޮތް އަންގައި ދެއްވުމަކީ ބައްޕަ މުޅި ހަޔާތް އެކަމަށްޓަކައި ހޭދަކުރެއްވި އެންމެ އަގުހުރި މަސައްކަތް،" މަންމާފުޅާއި އާއިލާގެ އެހެން ފަރާތްތައް ވެސް އިންނެވި ޖަލްސާގައި ފިރާސް ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތައްތަކަީ 'ހުތުރު' ކަމެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ފާހަގަވެފައި އޮތް ނަމަވެސް މުޖުތަމައު އިސްލާހްކޮށް ގައުމު ހަމަމަގަށް އެޅުވުމުކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށް ބައްޕާފުޅު ދެކި ވަޑައިގަތް މަސައްކަތް ކުރެއްވި ކަމަށް ފިރާސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޑރ. އަބްދުލް މަޖީދުގެ އައިލާގެ ފަރާތްތަަކުގެ އިތުރުން އެމަނިކުފާނުއެކީގައި މަސައްކަތް ކުރެއްވި ގިނަ ފަރާތްތަކެއްގެ އިތުރުން އާންމުން ވެސް ބައިވެރިވިއެވެ.

comment ކޮމެންޓް