"ޑރ. މަޖީދު ކޮންމެ ވަގުތެއްގައި ވެސް ވިދާޅުވާން ޖެހޭ އެއްޗެއް ސާފުބަހުން ވިދާޅުވެ ދެއްވި"

ޑރ. އަބްދުލްމަޖީދުގެ ތައުބީރުގެ ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އަލްމަރްހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއަކީ ކޮންމެ ވަގުތެއްގައި ވެސް ވިދާޅުވާން ޖެހޭ އެއްޗެއް ސާފުބަހުން ވިދާޅުވި ބޭފުޅެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސަލަމް ވިދާޅުވެއްޖެ އެވެ.

ޑރ. މަޖީދުއަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖީދު އެކީގައި ކެބިނެޓްގައި މަސައްކަތްކުރެއްވި އަަސްލަމް ވަނީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި ޑރ. މަޖީދު އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކެރެއްވި ބައެއް ކަންތައްތަކަށް އަލި އަޅުއްވާލައްވާފައެވެ.

ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުން ދިޔަ ސްލޯގަން ރީ ބްރޭންޑް ކުރުމަށް ހުށަހެޅި ސްލޯގަން ބޭނުން ނުކުރުމަށް ނިންމީ ވެސް އޭގެ ސަބަބުން އިސްލާމް ދީނުގެ އުސޫލްތަކާ ހިލާފް ކަމަށް ޑރ. މަޖީދު ލަފާ ދެއްވުމުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަޖީދުގެ ބަސްފުޅަށް އެކަން ނިމިގެން ދިޔައީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑުމެނަށް ޑރ. މަޖީދުއަށް ކުރެވޭ އިހްތިރާމެއްގެ ބޮޑުކަމުން. ގަބޫލުކުރެވެނީ ދީނީ ގޮތުން ޑރ. މަޖީދު އެއްޗަކޭ ވިދާޅުވީމާ ދެން ކެބިނެޓްގައި ބައިވެރިވާ އެއްވެސް އެހެން މީހެއްގެ ހައިސިއްޔަތެއް ނެތްކަން އޭގެ މައްޗަށް އިތުރަށް ބަހެއް ބުނުމަކަށް،" އަސްލަމް ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ޑރ. މަޖީދަކީ އޭނާއަށް ލިބިފައިވާ އިލްމު އެހެން ފަރާތްތަކަށް އުގައްނަވައި ދެއްވައި އެހެން ފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތައް ކިޔައިދެއްވުމުގައި ނަމޫނާ ފަރާތެއް ކަމަށެވެ.

ޑރ. މަޖީދުގެ ތައުބީނުގެ ޖަލްސާގައި އަނާރާ ނައީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ޑރ. މަޖީދަކީ ގިނަ ދަރިވަރުންތަކެއްގެ ލޯބި ހޯއްދަވާފައިވާ މުދައްރިސެއްކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ އެމަނިކުފާނަކީ ކަނބަލުން ކުރީ ސަފަށް ނެރުއްވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވިި ބޭފުޅެއް ކަމަށެވެ.

comment ކޮމެންޓް