ޑރ. މަޖީދު ފަދަ އިހްލާސްތެރި ތެދުވެރި ބޭފުޅުން މަދުވާނެ: އަލީ ޒާހިރު

ޑރ. އަބްދުލްމަޖީދުގެ ތައުބީނުގެ ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީއަކީ ވަރަށް ތަފާތު އެހާމެ ހީވާގި، ހިތްހެޔޮ ޝަހްޝިއްޔަތެއް ކަމަށާއި އެހާ ބުރަކޮށް މަސައްކަތްކުރައްވާނެ އިހްލާސްތެރި ތެދުވެރި ބޭފުޅުން މަދުވާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޑރ. މަޖީދުގެ ތައުބީނުގެ ޖަލްސާގައި އެމަނިކުފާނާއެކު ވަރަށް އަރިހުގައި މަސައްކަތްކުރެއްވި އަލީ ޒާހިރު ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަށާއި ގައުމަށް ޑރ. އަބްދުލްމަޖީދު ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ އެ ހިދުމަތްތަކުގެ އަގު ނުވަތަ ބަދަލެއް ދެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

އެގޮތުން މަތީ ތައުލީމާއި ދީނީ ތައުލީމު އުނގެނެމުންދިޔަ ވަރަށް ގިނަ ދަރިވަރުންތަކަކަށް ޑރ. މަޖީދު ހިދުމަތް މެދުނުކެނޑި ލިބެމުންދިޔަކަން އަލީ ޒާހިރު ފާހަގަކުރެއްވި އެވެ.

"ޑރ. މަޖީދު ކުއްލިގޮތަކަށް ވަކިވެވަޑައިގަތް ދިއުމަކީ އެއީ މިގައުމު އަބަދުމެ އަބަދަށް އެކަމަށްޓަކާ ހިތާމަކުރާނެ ކަމެއް. ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ ވަކިވެގެންދިއުމުން، އެމަނިކުފާނުގެ މަގާމު ފުރާނެ ފަރާތެއް އަޅުގަނޑަކަށް ނުފެނޭ،" އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޑރ. މަޖީދު ހުންނެވިއިރު އެމަނިކުފާނުގެ ހާއްސަ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަލީ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުލްމަޖީދު އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު، ސްރީ ލަންކާގައި ހުންނަ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑރ. މަޖީދުގެ ބައެއް ހަނދާންތައް އާކުރައްވައި މިރެގެ ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ، ޑރ. މަޖީދަކީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ އަދި ހުންނެވި މަޖިލީހެއްގައި މުންކަރާތެއް ހިނގާކަމަށް ވަނީނަމަ އެކަމަކަށް ބަސްވިދާޅުވާ ބޭފުޅެއް ކަމަށެވެ.

އަދި އެއީ މަޖާ މިޒާޖެއްގެ ބޭފުޅެއް ކަމަށާއި ހާއްސަ ގޮތެއްގައި ބައެއް ބައްދަލުވުންތަކާއި ކާމޭޒު ތަކުގައި އެމަނިކުފާނު ވިދާޅުވަމުންގެންދަވާ ޖޯކު ތަކަކީ އެމަނިކުފާނުގެ ހަނދާން އަބަދުވެސް އާކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ދީނީ ތައުލީމަށް ނިސްބަތްވާ ބޭފުޅުންނަށް އިޝާރާތްކުރައްވައި އަލީ ޒާހިރު ވިދާޅުވީ، އެމަނިކުފާނުވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ބައިވަރު ދީނީ އިލްމުވެރިން ހައްގު ބަޔާން ކުރުމުގައި ޖެހިލުންވެ ފަސްޖެހޭ ކަމަށާއި ތަފާތު އެކި ސަބަބުތަކާހުރެ ބަސް ބުނަންވާ ވަގުތު ބުނަންވާ ގޮތަށް ބުނަންވާ ތަނުގައި ނުބުނެވޭ ކަމަށެވެ.

"ޑރ. މަޖީދުގެ ފަރާތުން ފެނިގެންދިޔައީ އެކަމެއް ނޫން. އެމަނިކުފާނު ވިދާޅުވާންޖެހޭ އެއްޗެއް، ވިދާޅުވާންޖެހޭ ތަނެއްގައި ވިދާޅުވާންޖެހޭ ގޮތަށް ވިދާޅުވާނެ. ކެރިވަޑައިގަންނަވާ ބޭފުޅެއް. އެއީ އަޅުގަނޑު ދެކޭގޮތުގައި ގައުމަކަށް ބޭނުންވާނެ އެންމެ މުހިއްމު އެއް ޝަހްޝިއްޔަތު،" ކީރިތި ކުރައްވަމުން އަލީ ޒާހިރު ވިދާޅުވި އެވެ.

comment ކޮމެންޓް