ވޯލްޑް ކަޕްގެ ތަށްޓަށް ޔަގީންކަން ނުދެވޭނެ، އެކަމަކު ރީތި ކުޅުމެއް ފެންނާނެ: ތިއޭގޯ ސިލްވާ

ބްރެޒިލްގެ ކެޕްޓަން ތިއޭގޯ ސިލްވާ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ތަށި ހޯދޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ ނަމަވެސް ބްރެޒިލްގެ ފަރާތުން ރީތި ފުޓުބޯޅައެއް ފެނިގެންދާނެ ކަމަށް ކެޕްޓަން ތިއޭގޯ ސިލްވާ ބުނެފިއެވެ.

ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ބްރެޒިލަށް އެންމެފަހުން 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ވެގެންދިޔައީ ހިތްދަތި ވޯލްޑް ކަޕަށެވެ. އެގޮތުން ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1ގެ ނަތީޖާއަކުން ބަލިވި ބަލިވުމަކީ މުޅި ގައުމު މާޔޫސްކޮށްލި ނަތީޖާއެކެވެ.

"އަނެއްކާވެސް ވޯލްޑް ކަޕެއްގެ ފުރުސަތު ލިބިފައި މިއޮތީ. މި ފުރުސަތުގެ ބޭނުން ހިފައި، ބްރެޒިލްގެ ވާހަކަތައް ރަނގަޅަށް ތާރީހުގައި ލިޔަން ޖެހޭ،" ޖަރުމަނު އަތުން 7-1ގެ ނަތީޖާއަކުން ބްރެޒިލު ބަލިވި މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުނު ޑިފެންޑަރު ތިއޭގޯ ސިލްވާ ބުންޏެވެ.

ތިއޭގޯ ސިލްވާ ބުނީ ވޯލްޑް ކަޕްގެ ތަށި ނަގާނަމޭ ޔަގީންކޮށް ނުބުނެވޭނެ ނަމަވެސް ހަމަ ޔަގީނުންވެސް ބްރެޒިލްގެ ފަރާތުން ރީތި މެޗުތަކެއް، ރީތި ފުޓުބޯޅައެއް ފެނިގެން ދާނެކަމަށެވެ. ޒުވާން ހުނަރުވެރި ސްކޮޑަކާއެކު ވޯލްޑް ކަޕަށް ދިއުމަށް ތައްޔާރުވަމުންދާ ބްރެޒިލް މިހާރު ފަރިތަކުރަމުންދަނީ ލަންޑަންގައެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު، ލިވަޕޫލްގެ އެންފީލްޑްގައި ކްރޮއޭޝިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ބްރެޒިލަށް ކުރިމަތިވި އެންމެ ބޮޑު ހިތް ނުތަނަވަސް ކަމަކީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ޕީއެސްޖީއާއެކު ކުޅުނު މެޗެއްގައި ޓީމުގެ ތަރި، ނޭމާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ ގުޅިގެން އޭނާގެ ފައިގެ ސާޖަރީ ހަދަން ޖެހުމެވެ. އެހެން ނަމަވެސް ސާޖަރީއަށް ފަހު މިހާރު ރިކަވާ ވަމުންދާ ނޭމާ، ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ބްރެޒިލްގެ ޑޮކްޓަރުން ބުނެފައިވެއެވެ.

ފިޓްނަސްއާ ގުޅިގެން ނޭމާ ބުނީ އޭނާ ހުރީ 100 ޕަސެންޓް ފިޓްކޮށް ނޫން ކަމަށާއި، ދަނޑުމަތީގައި އޭނާ ބައެއް ފަހަރު ޖެހިލުންވާ ކަމަށެވެ. އެހެން ނަމަވެސް ވޯލްޑް ކަޕް އަންނަންވާއިރަށް، އޭނާ 100 ޕަސެންޓް ފިޓްވާނެ ކަމަށްވެސް ނޭމާ ބުންޏެވެ.

comment ކޮމެންޓް