މުސްލިމުންނާ ދެކޮޅުވެރިކަން ކުރިއެރުވި މީހަކު އިސްލާމްވީ ގޮތް

ޖަރުމަނުގެ އޮލްޓަނޭޓިވް ފޮރ ޑޮއިޝްލެންޑް ޕާޓީގެ އިސް މެމްބަރު އާރތާ ވެގްނާ ---

ޖަރުމަނުގެ "އޮލްޓަނޭޓިވް ފޯރ ޑޮއިޝްލެންޑް" ނުވަތަ އޭއެފްޑީ ޕާޓީއަކީ ކަނާތު ފިޔައިގެ އައިޑޮއޮލޮޖީތައް ކުރިއަރުވާ ޕާޓީއެކެވެ. ދެހާސް ތޭރަވަނަ އަހަރު އުފެއްދި އެ ޕާޓީއަކީ ޖަރުމަނުގެ ގައުމިއްޔަތަށް "މަރުދޭ"، އަދި އާ ޚިޔާލުތަކަށް ދެކޮޅުވެރިކަން ދައްކާ ޕާޓީއެކެވެ. މުސްލިމުންގެ އިތުރުން ޔަހޫދީންނާވެސް ދެކޮޅުވެރި ޕާޓީއެކެވެ.

ދުނިޔެއަށް މި ފަހުން ކުރިމަތިވި "ރެފިއުޖީ ކްރިސިސް"ގެ ތެރެއިން އޭއެފްޑީ ޕާޓީއަށް އޮތް ތަރުހީބު ބޮޑުވިއެވެ. ސަބަބަކީ ޖަރުމަނުން މެދުއިރުމަތީގެ އަރަބި ރެފިއުޖީންނަށް މަރުހަބާ ކިޔަން އެ ޕާޓީން ދެކޮޅުވެރިކަން ފާޅުކުރުމުންނެވެ.

ޖަރުމަނުގެ ބްރެޑެންބާގް ސްޓޭޓުގައި އޭއެފްޑީ ޕާޓީގެ ބޯޑުގައި އިން އެކަކީ އާރތާ ވެގްނާއެވެ. އޭނާގެ ވާހަކަ ވަރަށް ތަފާތެވެ.

ޖަރުމަނުގެ ޕްރޮޓެސްޓަންޓް ޗާޗުގެ މެމްބަރެއްގެ ގޮތުގައި ހުރި ވެގްނާ، ނަސާރާ ދީނާ ދުރުވާން ފެށީ އޭނާއަށް ބަލައިގަންނަން ދަތި ކަމަކަށް އެ ޗާޗުން ތާއީދުކުރުމުންނެވެ. އެއީ އެއްޖިންސުން ކައިވެނިކުރުމުގެ މިނިވަންކަމަށް ގޮވާލައި ބާއްވާ ހަރަކާތްތަކަށް އެ ޗާޗުން ތާއީދުކުރުމުންނެވެ.

ޕާޓީގެ ފިކުރާއި ވިސްނުންތައް ޕްރޮމޯޓުކުރުމުގައި އަވަދިނެތި އުޅުނު ވެގްނާއަކީ ރަޝިއާ ދަރިކޮޅުގެ މީހެކެވެ. އޭނާ ޕާޓީގެ ސިޔާސީ މަސައްކަތުގައި އުޅުނު އިރު، ރަޝިއާއަށް ދަތުރުކުރަން ޖެހުނެވެ. މި ދަތުރު ވީ އޭނާގެ ހަޔާތް ބަދަލުކޮށްލި ދަތުރަކަށެވެ.

ވެގްނާ 2015 ވަނަ އަހަރު ދިޔައީ ރަޝިއާގެ އުފާ ސިޓީއަށެވެ. އުފާއަކީ މުސްލިމުންގެ އާބާދީ ބޮޑު ޝަހަރެކެވެ. ވެގްނާ ބުނި ގޮތުގައި އެއީ އޭނާ އިސްލާމްދީން ގަބޫލުކުރުމާ ދިމާއަށް އެޅި އެންމެ މުހިންމު ބިންގަލެވެ. އެ ދުވަހުން ފެށިގެން އިސްލާމްދީނަށް ޝައުގުވެރިކަން އުފެދުނެވެ. އެއަށްފަހު ޖަރުމަނުގެ މުސްލިމުންނާ އޭނާއާ ދިމާވެ، އެ ޝައުގު ވަރުގަދަވާން މެދުވެރިވިއެވެ.

"މުސްލިމުންނާ އެކު އަހަރެންގެ ތަޖުރިބާއަށް ބަލާއިރު، އަހަރެންނަށް ފާހަގަވީ އެއީ ވަރަށް އިޚްލާސްތެރި ބައެއްކަން. އެމީހުން އެކިއެކި ޚިޔާލުތައް ވަރަށް ރަނގަޅަށް ބަލައިގަނޭ،" ވެގްނާ ބުންޏެވެ.

އޭއެފްޑީ ޕާޓީން މުސްލިމުންނާ ދެކޮޅަށް ކެމްޕޭންކޮށް، ޖަރުމަނުގެ ގައުމިއްޔަތު ކުރިއެރުވުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުން ޖާގަ ލިބުނެވެ.

އެއާ އެކު ވެގްނާ، އެޕާޓީގައި އޭނާ އަދާކުރި މަގާމުން، "އަމިއްލަ ސަބަބުތަކަކާ ހުރެ" އިސްތިއުފާ ދިނެވެ. އަދި އޭގެ ދެ މަސް ފަހުން، ފޭސްބުކް މެދުވެރިކޮށް އޭނާ އިއުލާންކުރީ އޭނާ އިސްލާމްދީން ގަބޫލުކޮށްފިކަމުގެ ޚަބަރެވެ. އަދި އޭނާގެ ނަން "އަހްމަދު"އަށް ބަދަލުކުރި ޚަބަރެވެ.

އޭއެފްޑީ ޕާޓީގެ ބްރެޑެންބާގް ސްޓޭޓުގެ ލީޑަރު އެންޑްރެއާސް ކާލްބިޓްޒް ބުނީ، މީހެއްގެ ދީނީ ފިކުރު ނުވަތަ އަމިއްލަ ސަބަބަކާ ހެދި ނިންމާ ނިންމުމަކާ ގުޅިގެން އެމީހަކު ޕާޓީއިން ބޭރު ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެޕާޓީގެ ފިކުރަކީ، އިސްލާމްދީނަކީ ޖަރުމަނުގެ ދައުލަތަށާއި މުޖުތަމައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކުން ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް ވެގްނާއަށް ފަރުވާލެއް ނެތެވެ. މުސްލިމެއްގެ ގޮތުގައި، ވެގްނާ އަދިވެސް ހުރީ މުސްލިމުންނާ ދެކޮޅުވެރި އޭއެފްޑީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.

"އަހަރެންނެކޭ އެހެން މެމްބަރެކޭ ހަގީގަތުގައި ތަފާތެއް ނޯންނާނެ. މި ޕާޓީގެ މެމްބަރުންގެ މެދުގައި ޖަރުމަނު ރޫހު ވަރުގަދަ ވާނެ. އެ ރޫހު އަހަރެންގެ ކިބައިގައި އަދިވެސް އެބަހުރި. ދީން ބަދަލުވިޔަސް ގައުމިއްޔަތަކަށް ބަދަލެއް ނާދޭ،"

އޭނާ ބުނީ އެ ޕާޓީއިން އޭނާ ވަކިނުވާނެ ކަމަށާއި، އޭނާ މަސައްކަތްކުރާނީ އެ ޕާޓީއާއި މުސްލިމުންނާ ގުޅުވައިދީ، ގުޅުން ބަދަހިކޮށްދިނުމަށް ކަމަށެވެ.

"އަހަރެން މިކަމުގައި ވަރަށް ސީރިއަސް. އަހަރެން ދެކޭ ގޮތުގައި އަހަރެންގެ މިހާރުގެ ޒިންމާއަކީ ޖަރުމަނުގެ މުސްލިމުންނާއި ކޮންޒަވޭޓިވް ފިކުރުގެ މީހުން ގުޅުވައިދިނުން. އަހަރެން މި ދަނީ އިސްލާމްދީން އިތުރަށް ދަސްކުރަމުން،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އިސްލާމްވުމާ އެކު އޭނާއަށް އެކި ފަރާތްތަކުން ދަނީ ބިރުދައްކަމުންނެވެ.

"އަހަރެންނަށް ބިރު ދައްކައި، މީހުން ސިޓީ ފޮނުވަމުން ދޭ. ޖަރުމަނުން ބޭރުވުމަށްވެސް މީހުން ގޮވާލަމުން އެބަ ދޭ،"

ވެގްނާ މިހާރު ދަނީ އިމާމަކަށް ވުމަށް ތަމްރީނު ހަދަން ރަޝިއާއަށް ދިއުމަށް ރާވަމުންނެވެ.

comment ކޮމެންޓް