ޑރ. މަޖީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީގެ ހަނދާނުގައި މިއަދު ހުޅުވި ތައުޒިޔާގެ ދަފުތަރުގައި އިސްލާމިކް މިނިސްޓަރު ސޮއިކުރައްވަނީ ---

މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދަފުތަރު ހުޅުވައިދެއްވައި އޭގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

އިސްލާމިކް މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދެމުން ބުނީ ދަފުތަރުގައި ސޮއިކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

"ދަފުތަރު ހުޅުވިފައި އޮންނާނީ އިސްލާމިކް މިނިސްޓްރީގައި. ސޮއި ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވަޑައިގެން ސޮއިކުރެއްވުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައި،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޑރ. މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ.

ހޮސްޕިޓަލްގައި ޑރ. މަޖީދު އެޑްމިޓްކޮށްފައިވަނީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމާ ގުޅިގެންނެވެ. އެ ސްޓްރޯކްއާ ގުޅިގެން އޮޕަރޭޝަންތަކެއް ވެސް ކޮށްފައިވެއެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރެވެ. އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދީ 2008 ވަނަ އަހަރު ތަސްތީގު ކުރި ގާނޫނު އަސާސީއަށް ފަހުއެވެ.

comment ކޮމެންޓް