ޑރ. މަޖީދު އަވަހާރަވެއްޖެ

ދީނީ އިލްމްވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ --- ސަން ފޮޓޯ : މުހަންމަދު އަފްރާހް

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޑރ. މަޖީދު އަވަހާރަވީ މިއަދު މެންދުރު ސްރީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

އެ މަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑރ. މަޖީދު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް އޭނާ ދިރިއުޅުއްވި ހޮޓެލްގެ ކޮޓެރިތެރެއަށް، ސްޓްރޯކެއް ޖެހި ވެއްޓިވަޑައިގެންފައި ވަނިކޮށެވެ.

ލޭ މައްޗަށް ދިއުމުގެ ސަބަބުންް ބޭސް ބޭނުން ކުރައްވަމުން ގެންދަވާ ޑރ. މަޖީދަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެޓްމިޓްކޮށް ފަރުވާ ދެމުންދިޔައީ ކޮޅުބުގައި ހުންނަ ލަންކާ ހޮސްޕިޓަލްގަ އެވެ.

އެނގިފައިވާ ގޮތުގައި ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން ޑރ. މަޖީދުގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. އާދިއްތަ ދުވަހުން ފެށިގެން ޑރ. މަޖީދުގެ އޮންނެވީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވަވައި ހިތާމަފާޅުކުރައްވައިފަ އެވެ.

ރައީސްގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. މަޖީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒެވެ. އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދީ 2008 ވަނަ އަހަރު ތަސްތީގު ކުރި ގާނޫނު އަސާސީއަށް ފަހު އެވެ.

comment ކޮމެންޓް