މަހާތީރު އިޚްތިޔާރުކުރީ ތަރައްގީ ގެނައިމާ، ހަމަ އެގޮތަށް ދިވެހީން ދެންވެސް ބޭނުންވަނީ ރައީސް ޔާމީން: ފަލާހު

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިޔާގެ ރައްޔިތުން ޑރ. މަޙާތީރު މުހައްމަދު އިޚްތިޔާރުކުރީ އެގައުމަށް ތަރައްގީ ގެނެސް ދެއްވާފައިވާތީ ކަމަށާއި ހަމަ އެގޮތަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހީން ދެން ވެސް އިޚްތިޔާރުކުރާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

"ހެސްކިޔާފަ" ނަމުުގައި ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މެލޭޝިޔާގައި ދާދިފަހުން ބޭއްވި އިންތިޚާބުގައި އެ ގައުމުގެ ރައްޔިތުން އިޚްތިޔާރު ކުރީ އެގައުމަށް 22 އަހަރު ތަރައްގީ ގެނެސްދެއްވި އެގައުމުގެ ތަރައްގީގެ ބާނީ ކަމަށާއި ދިވެހީންވެސް ދިވެހީންގެ ތަރައްގީގެ ބާނީ ރައީސް ޔާމީން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިޚްތިޔާރު ކުރާނެ ކަމަށެވެ.

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މެލޭޝިޔާގެ ރައްޔިތުން މަހާތީރު އިޚްތިޔާރު ކުރީ ތަރައްގީއަށް އެދިގެން. މިއަހަރު ބާއްވާ ރިިޔާސީ އިންތިޚާބު ވެސް ވާނީ މިހެން،" މެންބަރު ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާ ވާދަކުރެވޭނެ އެއްވެސް ލީޑަރެއް އިދިކޮޅުގައި ނެތްކަމަށާއި އެމަނިކުފާނު ފަސް އަހަރު ތެރޭގައި ރާއްޖޭގެ ދައުލަތް މުއްސަނދި ދައުލަތަކަށް ހައްދަވައި، ދިވެހީން އުފާކޮށްދެއްވައިފި ކަމަށެވެ.

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތަރައްގީއަށް ރައީސް ޔާމީން ކޮށްދެއްވި ކަންކަމުގެ ކުރެހުންވެސް އިދިކޮޅު ފަރާތްތަކަށް ފަސް އަހަރު ތެރޭގައި ނުނިންމޭނެ،" ފަލާހު ވިދާޅުވިއެވެ.

ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ބޭއްވޭ ރިޔާސީ އިންތިޚާބުތަކުން އެންމެ މަތީ އަޣުލަބިއްޔަތަކުން ހޮވޭ ވެރިޔަކަށް ރައީސް ޔާމީން ހެއްދެވެމަށް ކުރާ މަސަތްކަތުގައި ބައިވެރި ވުމަށް ފާލާހު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މެޑަމް ފާތުމަތު އިބްރާހީމް ވެސް ބަލި ނުކުރެވޭނެކަމަށާއި މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވަރަށް ބޮޑު ތަފާތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް