އަންހެން ޗެމްޕިއަންކަން އަނެއްކާވެސް މާފުއްޓަށް، ފިރިހެން ޗެމްޕިއަންކަން އިސްކަންދަރަށް

ރޭ ބޭއްވި އިންޓަ ސްކޫލް ހޭންޑްބޯލް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ހޭންޑް ބޯލް އެސޯސިއޭޝަން

އިންޓަ ސްކޫލް ހަތަރު ވަނަ ހޭންޑްބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަނެއްކާވެސް މާފުށީ ސްކޫލް އަދި ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

ޖުމްލަ 15 ސްކޫލަކުން 65 ޓީމަކުން ބައިވެރިވި މުބާރާތުގައި 910 ދަރިވަރުންގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ. މިއީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް ކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ މައުލޫމާތު ދީފައެވެ.

މިއަހަރުގެ މުބާރާތުގައިވެސް ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށް، 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައި ވަނީ ގައުމީ ހޭންޑްބޯލް ގްރައުންޑުގައެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ގާޒީ ސްކޫލް ހޯދި އިރު، އެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދައިފައި ވަނީ ޖަމާލުއްދީން ސްކޫލެވެ. 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަކަން ހޯދީވެސް މާފުށީ ސްކޫލެވެ. އަދި އެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން މާފުށީ ސްކޫލުން ހޯދި އިރު، މިއީ ޖެހިޖެހިގެން އެ ކެޓަގަރީގެ ޗެމްޕިއަންކަން މާފުށިން ހޯދި ތިން ވަނަ އަަހަރެވެ. މިއަހަރުގެ ފައިނަލްގައި މާފުއްޓާ ވާދަކުރީ އަމީނިއްޔާ ސްކޫލެވެ.

ފިރިހެން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ހޯދީ ފައިނަލްގައި ތާޖުއްދީން ސްކޫލް ބަލިކޮށްގެންނެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު ހަތް ކުޅުންތެރިން:

އައިޝަތު ރައްފަ ޒަރީރު - މާފުށީ ސްކޫލް

އައިޝަތު ފައިހާ އަބްދުލް ވާހިދު - މާފުށީ ސްކޫލް

އައިމިނަތު ހަނޫން ޝުޖާއު - މާފުށީ ސްކޫލް

ރައުނާ އިބްރާހީމް - މާފުށީ ސްކޫލް

ހައްވާ ސްލައިމާން - ތާޖުއްދީން ސްކޫލް

އުލާ އަލީ - އަމީނިއްޔާ ސްކޫލް

އައިޝަތު އަޒުލާ ޒާހިރު - މާފުށީ ސްކޫލް

މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ހަތް ކުޅުންތެރިން:

ޝިއުޒް ފަރީދު - ތާޖުއްދީން ސްކޫލް

އަލީ އިމާން - ދަރުމަވަންތަ ސްކޫލް

މުހައްމަދު ނައުޝާން ހުސައިން - އިސްކަންދަރު ސްކޫލް

މުހައްމަދު ރާއިދު އިސްމާއީލް - އިސްކަންދަރު ސްކޫލް

މުހައްމަދު ފާލިލް ފާއިގު - އިސްކަންދަރު ސްކޫލް

މުހައްމަދު ޒަހުވާން ރިޔާޒް - މަޖީދިއްޔާ ސްކޫލް

މުހައްމަދު އައިމަން އަހުމަދު ޝިޔާމް - ތާޖުއްދީން ސްކޫލް

މުބާރާތުގެ ފައިނަލް މެޗުތައް އިއްޔެ އަދި ރޭ ކުރިއަށް ގެންގޮސްފައިވާ އިރު، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

comment ކޮމެންޓް