ރައީސް ޔާމީނަކީ ރަންގަނޑެއް، އިދިކޮޅު ކެންޑިޑޭޓަކީ ދަގަނޑު: ފަލާހު

ޕީޕީއެމްގެ ޖަލްސާއެއްގައި ފަލާހު ވާހަކަފުޅު ދައްކަވަނީ --- ސަންފައިލް ފޮޓޯ

އިދިކޮޅު ކެންޑިޑޭޓުންނަކީ ދަގަނޑު ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރައްޔިތުންގެ ކުރިމަތީގައި ރަން ކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

"މަމެން ރައީސް ޔާމީނާއެކު" ގެ ނަމުގައި ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ "މިއަދު އަޅުވާކިޔަން މިޖެހެނީ ރަނާ ދަގަނޑާ" ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ފެނިގެންދަނީ މިގައުމުގައި ތިން އަހަރު ވެރިކަން ކުރުމަށް ފަހު "ފޫކޮޅުގައި އަލިފާން ރޯވެގެން ފިލި ވެރިއެއްގެ ވާހަކަ" ކަމަށެވެ.

"މިވަރު ވެރިއަކު ދުރުގައި ފިލާ ހުރެގެން މިގޮވަނީ ތިމަންނައަށް އަދިވެސް ރާއްޖޭގެ ވެރިކަން ދޭށޭ،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ މިގައުމަށް އިޚްލާސްތެރި ތެދުވެރި ވަފާތެރިއެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް ވެރިކަން ދޭން ނުޖެހޭ އެއްވެސް ސަބަބެއް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

" އެބޭފުޅުންނަށް ދެއްކޭހާވެސް ސަބަބަކީ ތިމަންނަމެންގެ މިވެނި މީހަކު އެވެނި މީހަކު ޖަލަށް ގެންދަނީއޭ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެވެސް މީހަކު ތަފާތުކޮށްފައެއް ނޯންނާނެ. ކުއްކުރާއިރަކު ނޭނގޭ. ކުއްކުރާއިރު ހީކުރަނީ ޖަލަކީ ރިސޯޓެއް ކަމަށް،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަަށް ދެވަނަ ދައުރަކަށް ރައީސް ޔާމީން ހުވާ ކުރައްވާނެ ދުވަސް ކަމަށެވެ.

comment ކޮމެންޓް