ތިޔަ ލޯތްބާ ދުރަށް: އޮލިމްޕަހުގެ ޕްލޭބެކް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ރޭގެ ޝޯއަށް ބުރޫ އަރައިފި

ފިލްމު ތިޔަ ލޯތްބާ ދުރަށް ގެ މަންޒަރެއް--- ފޮޓޯ: ފޭސްބުކް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ރޭގެ ޝޯއަށް އޮލިމްޕަހުގެ ޕްލޭބެކް ސިސްޓަމަކަށް ދިމާވި މައްސަލައަކާ ގުޅިގެން ބުރޫ އަރައިފިއެވެ.

މަރީ ބުނީ އޮލިމްޕަހުގެ ޕްލޭ ބެކް ސިސްޓަމަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން ރޭގެ ޝޯގެ ބައެއް ހިސާބުތަކުގައި ބްލެކްއައުޓްވި ކަމަށެވެ. އަދި ފިލްމުގެ ބައެއް މަންޒަރުތަކުގައި އޯޑިއޯ އަދި ވީޑިއޯ ދިމާވެފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ކުރިއަށް އޮންނަ ޝޯ ތަކުގައި އެކަން ހައްލުކުރާނެ ކަމުގެ ޔަގީންކަން މަރީ ވަނީ ދީފައެވެ.

"އޮލިމްޕަހުގެ ޓެކްނިކަލް ބޭފުޅުން ބުނީ ޕްލޭބެކް ސޮފްޓްވެއާގެ އެރަރއެއް ކަމަށް. އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާކަމަށް. ކުރިއަށް ހުރި ޝޯތަކަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމީހުން ބުނި،" މަރީ ސަންއަށް ބުންޏެވެ.

އޮލިމްޕަހުގެ އިތުރުން އެ ފިލްމު ޝްވެކް ސިނަމާގައި ވެސް މިހާރު ދައްކަމުން އަންނަ އިރު އެ ސިނަމާގައި އެފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށް ވެސް މަރީ ބުންޏެވެ.

ކުރިންވެސް ރާވާފައިވާ ފަދައިން ފިލްމުގެ ޝޯތައް މި މަހުގެ 26، 27 އަދި 28ގައި އަޅުވުމަށް ވަނީ ހަމަޖެހިފައެވެ.

"ބައެއް މީހުންނަށް ހީވީ ފިލްމު ނުނިންމާ އެޅުވީ ކަމަށް. ނަމަވެސް އެއީ ކުށްހީއެއް. ދިމާވީ ޓެކްނިކަލް މައްސަލައެއް. އެކަމަށް ފިލްމުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެން،" މަރީ ބުންޏެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ހިމެނެއެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން އިސްމާއިލް ޖުމައިހް (ޖުމާ) ވެސް ވަނީ ފެނިގެން ގޮއްސައެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގައެވެ.

މަރީ ބުނީ ފިލްމުގެ ފުރަތަމަ ޝޯއަށް ފަހު ބެލުންތެރިންގެ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ.

comment ކޮމެންޓް