ތަފާތު ހިޔާލުތަކަށް އިހުތިރާމުކުރުމުގެ ސިފަ ދިވެހި ޑިމޮކްރަސީގައި އަށަގަންނަންޖެހޭ: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޑިމޮކްރަސީއަކީ ތަފާތު ޚިޔާލުތަކަށްވެސް އިހުރިތާމުކުރުމުގެ ސިފަ އޮންނަ ނިޒާމެއް ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގައިވެސް ތަފާތު ޚިޔާލުތަކަށް އިހުތިރާމުކުރުމުގެ ސިފަ އަށަގަންނަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ދިއްގަރު ދާއިރާގެ މަޖިލީސް މެމްބަރު އަދި ކޮއްކޯފުޅު އަހްމަދު ފާރިސް މައުމޫންގެ އިތުރުން ޅިޔަނު މުހައްމަދު ނަދީމް ޖަލަށް ލާފައިވާ މި ދަނޑިވަޅުގައި، ދުންޔާ އިދިކޮޅު ސިޔާސީ ހަރަކާތްތަކުން ނުފެންނާތީ ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.

ސަންގު ޓީވީގައި ރޭ ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، އޭނާ ހުންނެވީ ސަރުކާރާ އެކުގައި ނޫން ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކާވެސް ނުގުޅި، މިނިވަން މީހެއްގެ ގޮތުގައި ކަމަށެވެ.

ދުންޔާ ވިދާޅުވީ އޭނާގެ މައިންބަފައިންގެ ހަތަރު ދަރީން ތިބި އިރު، ކޮންމެ މީހަކީވެސް ތަފާތު ވިސްނުމެއް ގެންގުޅޭ، ތަފާތު މީހެއް ކަމަށެވެ.

"އަޅުގަނޑު މައިންބަފައިންގެ ކިބައިން ވަރަށް ބޮޑަށް ހިތްވަރު ލިބިގަންނަން. އެހެން ނަމަވެސް އަޅުގަނޑަކީ އެމީހުންނާ ވަރަށް ތަފާތު މީހެއް. އަޅުގަނޑު ދެކޭ ގޮތާއި، ކުރި ތަޖުރިބާއާއި ދިޔަ ތަންތަނާއި، ދުނިޔެ ދެކޭގޮތް ވަރަށް ތަފާތު،" ދުންޔާ ވިދާޅުވިއެވެ.

އެގޮތުން، އޭނާއާ ކޮއްކޮމެންނާ އަޅާކިޔައި ހެދުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް ގަބޫލުކުރައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ވަކިން ޚާއްސަކޮށް އަޅުގަނޑުގެ އެއްމާބަނޑު ކޮއްކޮ (ޔުމްނާ) ކުރަމުން ގެންދާ މަސައްކަތަކީ ވަރަށް ގޮންޖެހުން ބޮޑު ކަންކަން. ފިރިމީހާ، ކޮއްކޮ އަދި ބައްޕަވެސް ގާތުގައި ނެތް. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި ހިތްވަރު ލިބޭނީ ތަފާތު ގޮތްގޮތުން. ކޮންމެ މީހަކުވެސް ކަންކަމާ ކުރިމަތިލާނީ ތަފާތު ގޮތަކަށް،" ދުންޔާ ވިދާޅުވިއެވެ.

"މިގޮތަށް އެކަކު އަނެކަކު އަޅައިކިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިއީ އެއްވެސް އާއިލާއަކަށް ފަސޭހަކަމަކަށް ނުވާނެ. އާއިލާގެ އެކި މެމްބަރުންގެ ޚިޔާލުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް،"

ރައީސް ޔަމީންގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގައިވެސް ޚިދުމަތް ކުރެއްވި ދުންޔާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމުގައި އެކަކު އަނެކެއްގެ ތަފާތުތައް ދެނެގަނެ، އެއަށް އިހުތިރާމުކުރުމުގެ ސިފައެއް ނެތެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި ދިވެހި މުޖުތަމައުގައި އެކަކު އަނެކެއްގެ ތަފާތު ޚިޔާލުތަކަށް އިހުތިރާމުކުރަން ދަސްކުރަންވެއްޖެ. ހަމަ އެއާއެކު އާއިލީ ގުޅުންތައްވެސް ދެމެހެއްޓޭނެކަން ގަބޫލުކުރަންޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް