ސެމީގެ ޖާގަތައް އެމްޕީއެލް، ވިލާ އެއާ، ކަސްޓަމްސް އަދި ސިފައިންނަށް

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާގައި ސިފައިންނާއި އެމްޓީސީސީ ބައްދަލުކުރި މެޗެއްގެ ތެރެއިން -- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި، ވިލާ އެއާއާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހޯދައިފިއެވެ.

އެ ހަތަރު ޓީމުން ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އެކެއްގެ އެއްވަނަ ހޯދި އެމްޕީއެލްއާއި ގްރޫޕް ބީގެ ހަތަރުވަނަ ހޯދި ސްޓެލްކޯއެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީން ޖާގަ ހޯދީ އެމްޕީއެލްއެވެ.

ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ އެއްވަނަ ކަސްޓަމްސްއާއި ގްރޫޕް އޭގެ ތިންވަނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އެވެ. އެ މެޗު ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީން ޖާގަ ހޯދީ ކަސްޓަމްސްއެވެ.

ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ ދެވަނަ ވިލާއާއި ގްރޫޕް ބީގެ ތިންވަނަ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)އެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީން ޖާގަ ހޯދީ ވިލާއެވެ.

ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ދެވަނަ ހޯދި ސިފައިންނާއި ގްރޫޕް އޭގެ ހަތަރުވަނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އެވެ. އެ މެޗު ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީން ޖާގަ ހޯދީ ސިފައިންނެވެ.

އެ މުބާރާތުގެ ސެމީގެ މެޗުތައް މިރޭ ކުރިއަށްދާނެއެވެ. މިރޭ 7:00ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި އެމްޕީއެލްއާއި ވިލާ އެއާ ބައްދަލުކުރާ އިރު، މިރޭ 9:30ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަސްޓަމްސްއާއި ސިފައިންނެވެ.

ސެމީގެ މެޗުތަކުން މޮޅުވާ ޓީމުތަކަށް އަންނަ ބުދަ ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެއެވެ. އަދި ސެމީގެ މެޗުތަކުން ބަލިވާ ޓީމުތައް ކުޅޭ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

comment ކޮމެންޓް