އިންޑޮނޭޝިއާގެ ރަށެއްގެ އައްސޭރިފަށަށް ތެޔޮ ބޭރުވުމުގެ ސަބަބުން ކުއްލި ހާލަތު އިއުލާންކޮށްފި

އިންޑޮނޭޝިއާގެ ބޯނިއޯގެ ބަލިކަޕަން ސިޓީ ކައިރިން ކަނޑަށް ތެޔޮ ބޭރުވެފައި -- ފޮޓޯ: އީޕީއޭ

ޖަކާޓާ (އޭޕްރިލް 3): އިންޑޮނޭޝިއާގެ ބޯނިއޯގެ އައްސޭރިފަށަށް ތެޔޮ ބޭރުވަމުން ދިޔުމުގެ ސަބަބުން އެސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޯނިއޯގެ ބަލިކަޕަން ސިޓީ ކައިރިން ކަނޑަށް ތެޔޮ ބޭރުވާން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެސިޓީއަކީ ދައުލަތުގެ ތެޔޮ ކުންފުނި ޕާޓަމީނާއަށް ނިސްބަތްވާ އޮއިލް ރިފައިނަރީއެއް ހުންނަ ސަރަހައްދެކެވެ.

ޕާޓަމީނާއިން ވަނީ ކަނޑުއަޑީގައިވާ އެކުންފުނީގެ އެއްވެސް ތެޔޮ ހޮޅިއެއް ލީކު ނުވާ ކަމަށާއި އެކުންފުނިން ދަނީ ތެޔޮ ބޭރުވާން މެދުވެރި ސަބަބު ތަހުގީގު ކުރަމުން ކަމަށް ބުނެފައެވެ.

މިހާރު 12 ސްކޮއާ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ އެތެލުގައި ރޯވުމުގެ ސަބަބުން ހަތަރު މަސްވެރިއަކު ވަނީ މަރުވެފައެވެ. އަދި ތެޔޮ ބޭރުވާ ސަރަހައްދާ ކައިރީގައި ދިރިއުޅޭ މީހުންނަށް ވަނީ ނޭވާލާން އުނދަގޫ ވުމާއި، ބޯ އެނބުރުމާއި، ހޮޑުލެވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ކަމަށް އޮފިޝަލުން ބުނެވެ. (ރޮއިޓާސް)

comment ކޮމެންޓް