ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރަނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރާއްޖެގެ ވެރިކަން ކުރައްވަނީ އަމިއްލަ އެދުންފުޅެއް އޮވެގެން ނޫން ކަމަށާއި ރައީސްގެ ތަސައްވުރަކީ ރައްޔިތުންނަށް ޚިދުމަތްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.

"އެމަނިކުފާނުގެ އަމިއްލަ މަސްލަހަތަށްޓަކައި ވެރިކަން ކުރައްވާނަމަ، ވެރިކަމަށް ކުރިމައްޗެއް ނުލެއްވީސް މިދިޔަ 2013 އަކުވެސް،"

ފަލާހު ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ވަރުގަދަ ތަސައްވަރެއް އޮވެގެން ކަމަށެވެ.

ދެހާސްތޭރައިގެ މެނިފެސްޓޯ އިން ރައީސްގެ ތަސައްވަރު އެނގިގެން ދިޔަ ކަމަށާއި ވެރިކަމަށް ތިން އަހަރު ވީއިރު މެނިފެސްޓޯ ފުރިހަމަކުރައްވައިފި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"އެމަނިކުފާނު މިއަހަރު ރިޔާސީ އިންތިހާބުގައި އެ ވާދަކުރައްވަނީ މިއަދާ ހަމައަށް އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދިން ހަމަލާ ވެސް ހަނދުމަފުޅު ނައްތާލައްވާފަ މި ގައުމަށްޓަކައި" ފަލާހު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން މިހާރު ނިންމަވާފައިވާ ކަމަށާއި އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ޔާމީނުގެ އަމިއްލަ އެދުންފުޅެއް އޮވެގެން ނޫންކަމަށް ފަލާހު ވިދާޅުވިއެވެ.

"އެމަނިކުފާނު މިހާރު އެއޮތީ އިރާދަކުރެއްވިއްޔާ ވެރިކަމަށް ކުރިމަތިލައްވާގޮތަށް ނިންމަވައިފަ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނުކުފާނު ވާދަ ކުރައްވާނެ. ވާދަ ކުރައްވަނީކީ އެމަނުކުފާނުގެ އަމިއްލަ އެދުމެއް އޮވެގެންނެއް ނޫން. ހަމަ މިގައުމު ތަރައްގީ ކޮށްދިނުމުގެ ބޭނުމުގައި،" ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަލުން ރާއްޖޭގެ ވެރިކަން ކުރައްވަން ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން ކުރައްވާފައި ހުރި ހުރިހާ ކަމެއް ބޭރު ގައުމުތަކަށް ވިއްކަލާނެ ކަމަށެވެ.

"ރައީސް ނަޝީދަށް ކިރިޔާ ޗާންސެއް ލިބުނަސް މިގައުމުގައި ރައީސް ޔާމީން މި ކުރެއްވިހާ ކަންކަން ވިއްކާ ހުސްކުރާނެ. ބްރިޖުވެސް ވިއްކާނެ. އެއާޕޯޓުވެސް ވިއްކާނެ. މިހިރަ ހޮސްޕިޓަލުވެސް ވިއްކާނެ،"

ފަލާހު ވިދާޅުވީ ރިޔާސީ އާ ދައުރަކަށް ރައީސް ޔާމީން ވެރިކަމަށް ހޮވުމަށްފަހު ދެން މަސައްކަތް ކުރަނީ 2023 ގައި ވެސް ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް ކަމަށެވެ.

comment ކޮމެންޓް