ދެފަރާތުން ދޫ ނުދީފިނަމަ މަޝްވަރާއަށް ބޭރުގެ އެހީ ނުލިބުމުގެ ބިރު އެބަ އޮތް: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ސަރުކާރުންވެސް ދޫ ނުދީފި ނަމަ، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް ހުށަހަޅަމުންދާ އެހީތެރިކަން ފަހުން ނުލިބިދާނެކަމުގެ ބިރު އެބަ އޮތްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މި ހަފްތާގައި އދ.ގެ ޑިޕާޓްމެންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ފެކްޓް ފައިންޑިންގް ޓީމެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ ޕޮލިޓިކަލް އޮފިސަރު ޝިން އުމޭޒޫއެވެ.

ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެމެދު މަޝްވަރާތައް ބޭއްވޭނެ މާހައުލެއް ގާއިމުވެފައި ނުވާ އިރު، ސިޔާސީ ގިނަ ލީޑަރުންތަކެއް ވީ ޖަލަށް ލެވިފައެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ދުންޔާ "ސަން"އަށް ވިދާޅުވީ، ސިޔާސީ މަޝްވަރާތައް ބޭއްވުމަށްޓަކައި، ޖަލުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ގޭބަންދަށް ބަދަލު ކުރުމަކީވެސް މަޝްވަރާއާ ދިމާލަށް ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އދ.ގެ ޓީމާ އަޅުގަނޑުވެސް ބައްދަލުކުރިން. އަޅުގަނޑުގެ ވާހަކައާ އެއްބަސްވާ ގޮތަށް އެބޭފުޅުންގެ ވާހަކަތަކާއި އަދި އެބޭފުޅުންނަށް ރާއްޖޭގައި ހިނގާ ކަންކަން ފެންނަ ގޮތް އޮތީ،" ދުންޔާ ވިދާޅުވިއެވެ.

މި ހާލަތުގައި މަޝްވަރާ ބޭއްވުމަށްޓަކައި އދ ފަދަ، އެކި ފަރާތްތަކުގެ އިތުބާރު ލިބިފައިވާ ބަޔަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހީންނަށް ރާއްޖޭގެ ހާލަތު ވަރަށް ސީރިއަސް ކަމުގައި ވިޔަސް، ރާއްޖެއަށް ވުރެ މާ ނުރައްކާ ހާލަތުގައި ހުރި ގައުމުތައް އެބަހުރި ކަމަށެވެ. އަދި މި ހާލަތުގައި ރާއްޖެއަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ އެއްވެސް ބައެއްގެ އެހީތެރިކަން ނުލިބުމުގެ ބިރު އެބަ އޮތް ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ތަނަކަށް ވާ ހާލަތެއް ނެތް. އެއާ ގާތަށް ވެސް ނުދޭ. އަޅުގަނޑުގެ އެއް ބިރަކީ އެއްވެސް ބައެއްގެ އެހީތެރިކަން ރާއްޖެއަށް ނުލިބުން. ވިދާޅުވެދާނެ ރާއްޖޭގެ ހާލަތު އެހާ ގޯހެއް ނޫނޭވެސް،"

ދުންޔާ ވިދާޅުވި ގޮތުގައި މިހާތަނަށް ސަރުކާރާއި އިދިކޮޅާ ދެމެދު މަޝްވަރާ ބޭއްވުމަށް ފެއިލްވެފައި ވަނީ ދެފަރާތުން އިތުބާރު ނުކުރާތީ އެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެފަރާތުން ދޫ ދޭންޖެހޭ ކަމަށް ދުންޔާ ތަކުރާރުކޮށް ވިދާޅުވިއެވެ.

"ދެ އަހަރު ކުރިން މަޝްވަރާއަށް ފުރަތަމަ ދައުވަތު ފޮނުވީ ސަރުކާރުން. އެންމެ ބޮޑު މައްސަލައަކީ އެއް ބަޔަކު ބުނާ އެއްޗެއް، އަނެއް ބަޔަކަށް އަޑު ނީވުން. މަޝްވަރާ ނުކުރެވި ދިޔުމުން ހާލަތު ގޯހުން ގޯހަށް ދިޔައީ،" ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް