އދ.ގެ ވަފުދުން މިނިސްޓަރު ޝައިނީއާ ބައްދަލުކުރައްވައިފި

އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ޓީމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާ އިއްޔެ ބައްދަލު ކުރެއްވުން---

ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ހަލަބޮލިކަން ހައްލުކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ޓީމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

ޑރ. ޝައިނީ އަކީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ސަރުކާރުގެ އޮފިޝަލެވެ.

މިނިސްޓަރު ޝައިނީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ވަފުދުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފައެވެ.

އދ.ގެ ވަފުދުން ވަނީ ޖުމްހޫރީ ޕާޓީގެ އޮފިޝަލުންނާވެސް އިއްޔެ ބައްދަލުކުރައްވައިފައެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށްފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ދައުވަތު ދީފައެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މަޝްވަރާގައި އދ. މެދުވެރިއެއްގެ ދައުރު އަދާކުރަން ޑިމާންޑުކޮށްފައެވެ.

comment ކޮމެންޓް