އިންތިޚާބަށް އޮތީ ހަ މަސް، ރައީސް ޔާމީނާއެކު އަތުކުރި އޮޅާލަން ޖެހޭ: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމް ހޮވުމަށް ދިވެހި ރައްޔިތުން އަތުކުރި އޮޅާލައި، އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ވިދި ވިދި އޮޓެ އޮޓެ" ނަމުގައި ގއ. ވިލިނގިލީގައި ސަރުކާރު ހިންގާ ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތެރޭގައި އެންމެ ރަނގަޅަށް ނުވިސްނޭ ބޭފުޅުންނަށްވެސް ވިސްނައިދީގެން މިގައުމުގެ ސަލާމަތަށްޓަކައި އެންމެން އަތުކުރި އޮޅާލަން އެބަ ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އަޒުމު ކަނޑައަޅަން ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން އަތުކުރި އޮޅާލައިގެން ކުރިއަށް ދާން. އެ ފުރުސަތު މިވަނީ ވަރަށް ކައިރިވެފައި. ގާތްގަނޑަކަށް ހަ މަސް ދުވަހާ ގާތްވެފައި. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިޚާބު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މިހާރު އެ ވިދާޅުވަނީ. އެ ދުވަހާ ހަމައަށް ދާއިރު އަޅުގަނޑުމެން އެބަ ޖެހޭ ބުރަ މަސައްކަތްތަކެއް ކުރަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެނިގެންދިޔައީ ފަނާކުރުވަނިވި ތިން އަހަރު ކަމަށާއި އެ ތިން އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވުނު ކަންތައްތަކުގެ ތެރޭގައި ހުރީ ތަރައްގީ އަށް ވުރެ ފަނާކުރުވަނިވި ކަންތައްތައް ކަމަށެވެ.

"ތަރައްގީ ދޫކޮށްލާފައި ފަނާކުރުވަނިވި ދުވަސްތަކަކަށް އަނބުރާދާން އެއްވެސް ދިވެހި ރައްޔިތަކު ބޭނުން ވެގެނެއް ނުވާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން ހަމަ ވިސްނައި އަމިއްލަ ސިކުނޑިން ވިސްނާ އެއްވެސް ރައްޔިތަކު އެކަން ބޭނުންވާނެ ކަމަކަށެއް. ހަމަ ގައިމުން ވެސް ތަފާސް ހިސާބަކީ ދޮގު އެއްޗެއް ނޫން. ފާއިތުވެދިޔަ 50 އަހަރަށް ބެލި ނަމަވެސް ވޭވުތެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މިކުރެވުނު ވަރަކަށް ތަރައްގީގެ މަޝްރޫއެއް ގެނެސްދީފައެއް ނުވޭ." މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މިގައުމުގައި އެއް ޖިންސުން ކައިވެނި ކުރުމަށާއި އެހެން ދީންތައް ގެންނާކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ތިބޭފުޅުން އެއްބަސްތޯ ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރަން ހުއްދަ ދޭން. އަޅުގަނޑުމެން އެފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން މި ގައުމަށް އެހެން ދީން ގެންނާކަށް." ޖަމީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގައުމު ސަލާމަތް ކުރެވޭނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިގެން ކަމަށެވެ.

comment ކޮމެންޓް