މާތް ﷲ އަށް ވަކީލު ކުރަންޖެހޭނެކަމީ މެންދުރުގެ އިރު ފަދައިން ފައުޅުވެ ބަޔާންވެގެންވާ ޙަޤީޤަތެކެވެ. މުއުމިނުން ވަކީލު ކުރަން ޖެހޭ ފަރާތަކީ މާތް ﷲ އެވެ. މާތް ﷲ ފިޔަވައި އެހެންފަރާތަކަށް މުއުމިނުންގެ ހިތް އެނބުރިގެން ނުވާނެއެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކުން މަދަދާއި އެހީތެރިކަން އެދިގެން ނުވާނެއެވެ. އޭނާގެ ޙާލުގެ ދުލުން އަބަދުވެސް އެދޭ ފަރާތަކީ މާތް ﷲ ކަމުގައި ވާން ޖެހޭނެއެވެ. އަނިޔާތަކާއި ދަތި ވަގުތުގައި ކުރިމަތިލާ ފަރާތަކީ މާތް ﷲ ކަމުގައި ހަދަން ޖެހެއެވެ.
ތިމާގެ ހިތުގައި މާތް ﷲ ފިޔަވައި އެހެންފަރާތަކަށް ވަކީލު ކުރުމުގެ ޤަޞްދެއްވާނަމަ ، ނުވަތަ އެފަދަ ސަބަބެއް މެދުވެރިވެފައިވާނަމަ، އެމީހަކާ މާތް ﷲ އާއި އެއްވެސް ގުޅުމެއް ނުވާނެއެވެ. އެފަދަ މީހަކަށް އޮތީ އެންމެ ފުރަތަމަ ތިމާގެ ހިތަށް އީމާންކަމުގެ ޙަޤީޤީ މާނަ ހޯދައިދިނުމެވެ. މުއުމިނުންނަކީ އެއްވެސް ޙާލެއްގައި މާތް ﷲ އަށް ޝަރީކު ކުރާ ބައެއް ނޫނެވެ. އެހެން ފަރާތަކުން މަދަދަށް އެދޭނޭ ބައެއް ނޫނެވެ. އެބައިމީހުން ވަކީލު ކުރަނީ ހަމައެކަނި މާތް ﷲ އަށެވެ. ސަޢީދު ބިން ޖުބައިރު ވިދާޅުވެފައިވެއެވެ. " އީމާން ކަން ފުރިހަމަ ވެގެންދަނީ މާތް ﷲ އަށް ވަކީލު ކުރުމުންނެވެ."
މާތް ﷲ އަށް ވަކީލު ކުރުމުގެ މާނައަކީ އަސްބާބުތައް ދޫކޮށްލުމެއް ނޫނެވެ. މާތް ﷲ އެކަލާނގެ އަޅުތަކުން ދުނިޔެއަށް ފޮނުއްވާފައިވަނީ މަތިވެރި މަޤްޞަދު ތަކެއް ޙާޞިލް ކުރުމަށްޓަކައެވެ. އެމަތިވެރި މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ސަބަބު ތައް ވަނީ ލައްވަވާފައެވެ. އެ ސަބަބު ތަކުގައި ހިފައިގެން ނޫނީ ދިރިއުޅުމުގެ ޙަޤީޤީ މަންޒިލަށް ވާޞިލެއް ނުވެވޭނެއެވެ. ވުމާއިއެކު ވަކީލް ކުރަންޖެހޭނީ އަސްބާބުތަކުގައި ހިފައިގެންނެވެ. އެއި ޘާބިތު ޤާނޫނެކެވެ. ޙަޔާތުގެ ސުންނަތެވެ. ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭކަމެކެވެ.
މުއުމިނުންނަށް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. އެއީ އެބައިމީހުންގެ އީމާން ކަމުގެ ޙަޤީޤަތް ބެއްލެވުމަށްޓަކައެވެ. މިކަމުގެ ވަރަށް ފުރިހަމަ ނަމޫނާތައް ކީރިތިރަސޫލާއާއި ، އެކަލޭގެފާނުގެ ޞަޙާބީންގެ ފަރާތުން ފެނިފައިއެވެ. މިކަމުގެ ސަބަބުން މާތް ﷲ އެބޭކަލުންނަށް މަދަޙަ ވަޙީ ކުރައްވާފައިވެއެވެ.
އެހެންކަމުން މާތް ﷲ އާއި ބައްދަލުކުރާއިރު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ، މާތް ﷲ ގެ ފޮތަށާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް ރުޖޫޢަވުމެވެ. ކީރިތި ރަސޫލާގެ އަދަބުން އަދަބުވެރިވުމެވެ. އެކަލޭގެފާނުގެ އަޚުލާޤުން ޒީނަތްތެރިވުމެވެ. ނިފާޤުކަމާއި، އަޚްލާޤީ ބަލިތަކުން ސަލާމަތް ވުމެވެ. އެންމެ ފުރިހަމަ ގޮތުގައި މިބިންމަތީގައިވާ މާތް ﷲ ގެ ސިފައިންނަށް ވުމެވެ. އެކަލާނގެއަށް ބޯލަނބައި ހެޔޮލަފާ ތެދުވެރި އެހީތެރިން ކަމުގައިވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ވަކީލު ކުރާ މީހުންވަކީލު ކުރާހުށީ އެކަލާނގެއަށެވެ!"