ގާސިމްގެ އިސްތިއުނާފްގެ އަޑުއެހުން އާދިއްތަ ދުވަހު ފަށަނީ

ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް ޖޭޕީއަށް ސޮއިކުރުމަށްފަހު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ސަލާމް ކުރައްވަނީ --- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ގާސިމްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30ށެވެ.

ގާސިމްގެ އިސްތިއުނާފް ޝަރީއަތް ފަށަން ހަމަޖެހިފައިވާއިރު އޭނާ ހުންނެވީ ޖަރުމަނުވިލާތުގައެވެ. ކްރިމިނަލް ކޯޓުން ތިން އަހަރުގެ ހުކުމް އިއްވި އިރުވެސް ގާސިމް އޮންނެވީ ސިއްހީ ހާލަތު ގޯސްވެ ހައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ ގައިރު ހާޒިރުގައެވެ.

ގާސިމްގެ މައްޗަށް ހުކުމް އިއްވި ހިސާބުން އޭނާ ވަނީ އިތުރު ފަރުވާއަށް ސިންގަޕޫރަށް ފޮނުވާފައެވެ. ނަމަވެސް ބޭސްފަރުވާ ފުރިހަމަ ކުރެެއްވުމަށްފަހު އަނބުރާ ވަޑައިގެންފައެއް ނުވެއެވެ.

ގާސީމް އަނބުރާ ގެނައުމަށް ހޯމް މިނިސްޓަރު ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ޤާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް