ޕެނަލްޓީ ޖަހައިގެން އުނގޫފާރު ބަލިކޮށް ރ. އަތޮޅުގެ ޗެމްޕިއަންކަން މީދުއަށް

ރ. އަތޮޅުގެ ޗެމްޕިއަން މީދޫ ޝީލްޑް އުފުލާލަނީ --- ފޮޓޯ/ މީސް މީޑިއާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ރ. އަތޮޅު ބުރުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އުނގޫފާރު ބަލިކޮށް، މީދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

މީދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 0-0ގެ ނަތީއަކުން މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން މީދޫން ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މީދޫއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިންް ކުޅުންތެރިންނަކީ އިބްރާހީމް ޝަހީރާއި އަބްދުލް މުހައިމިންގެ އިތުރުން ނާޖިހު މުހައްމަދު އަދި އަހްސަން އިޝާގެވެ.

އުނގޫފާރުން ޕެނަލްޓީ ކާމިޔާބުކުރީ ގުޒައިރު ހަސަނާއި ސައުދުﷲ ހުސައިނެވެ.

ރ. އަތޮޅުގެ ފައިނަލް ކާމިޔާބުކޮށް މީދޫވަނީ ޒޯން ތިނެއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. އެ ޒޯންގައި ރ. އަތޮޅުގެ ޗެމްޕިއަން މީދޫގެ އިތުރުން ދެން ވާދަކުރާނީ ބ. އަތޮޅުގެ ޗެމްޕިއަން ފެހެންދުއާއި ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރެވެ.

ޒޯން ތިނެއްގެ ކުޅުން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ އަތޮޅުގެ ޒޯން މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ.

ޒޯން ތިނެއްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަން މީދުއާއި ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރެވެ.

comment ކޮމެންޓް