ގައުމީ ޔުނިވާސިޓީގައި އެނާޖީ ޑްރިންކް އަދި ސުޕާރީ މަނާކޮށްފި

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އެނާޖީ ޑްރިންކް އަދި ސުޕާރީ މަނާކޮށްފިއެވެ.

ގައުމީ ޔުނިވާސީޓީގެ އިސްވެރިންގެ ބައްދަލުވުމަކުން އެގޮތަށް ނިންމާފައި ވަނީ އިއްޔެއެވެ. އެކަން އެގޮތަށް ނިންމިކަން ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިޔުމުން މިހާރު ވަނީ އަންގާފައެވެ.

ޔުނިވާސިޓީން ނެރުނު އެ އުސޫލުގައި ބުނެފައިވަނީ އެނާޖީ ޑްރިންކާއި އަދި ސުޕާރީއިން ސިއްހަތަށް ލިބޭ ގެއްލުން ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން ރައްކާތެރިކުރުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ.

ޔުނިވާސިޓީގެ ކެންޓީންތަކާއި، ޔުނިވާސިޓީން ހިންގާ އިތުރު ހަރަކާތްތަކުގައި އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކްސް އަދި ސުޕާރީ ލިބޭނެގޮތަށް ނުބެހެއްޓުމަށް ވަނީ އަންގާފައެވެ.

ދަރިވަރުންނާއި ޔުނިވާސިޓީގެ މުވައްޒަފުން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކެއް އަދި އެއްވެސް ބާވަތެއްގެ ސުޕާރީއެއް ޔުނިވަސިޓީއަށް ގެނައުމަކީ މަނާކަމެއް ކަމަށް ވެސް ވަނީ އަންގާފައެވެ.

ޔުނިވާސިޓީގެ ދަރިވަރުންނަށް ހިންގާ އެއްވެސް ހަރަކާތެއްގައި އެނާޖީ ޑްރިންކްސް އަދި ސްޕާރީ އިޝްތިހާރުކުރުންފަދަ އެއްވެސްކަމެއް ނުކުރުމާއި، ޔުނިވާސިޓީގެ އެއްވެސް ހަރަކާތަކަށް އެނާޖީ ޑްރިންކް އަދި ސްޕާރީގެ ސްޕޮންސަރޝިޕް ނުހޯދުމަށް ވެސް ވަނީ އަންގާފައެވެ.

އެ ނިންމުމާ ގުޅިގެން ޔުނިވާސިޓީގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ފާޑުކިޔަމުންދާއިރު "ސަން"އާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުނެފައިވަނީ ޖުމުލަ ގޮތެއްގައި ގައުމީ ޔުނިވާސިޓީގެ އިސްވެރިންގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެ ނިންމުން ހަގީގަތުގައި ނިންމަން ވާނީ ޔުނިވާސިޓީގެ ކައުންސިލުން ކަމަށެވެ.

ބައެއް ދަރިވަރުން ބުނެފައިވާ ގޮތުގައި އެފަދަ ނިންމުމެއް ނިންމީ ދަރިވަރުންގެ ސިއްހީ މަންފާއަށް ބަލައި އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. ނަމަވެސް އެ ނިންމުމުގައި ސިއްހަތައް ގެއްލުން ހުރި ބައެއް އެހެން ތަކެތީގެ ވާހަކަ ހިމަނާފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް ބައެއް ދަރިވަރުން ބުނެފައިވެއެވެ.

ޔުނިވާސިޓިގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރައްވާ މެމްބަރު އަލީ ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އެނާޖީ ޑްރިންކް އަދި ސުޕާރީ މަނާކުރި ކުރުމާ ގުޅޭ ގޮތުން ސްޓޫޑަންޓް ޔޫނިއަން އަދި ގިނަ އަދަދެއްގެ ދަރިވަރުންގެ ކަންބޮޑުވުންތައް ލިބިފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި އެންމެ ބޮޑު މައްސަލައަކީ ސިއްހަތައް ގެއްލުންވާ ކަމަށް ބުނެ ވަކި އެއްޗެހިތަކެއް ބޭނުން ކުރުން މަނާކުރުން. މިސާލަކަށް ފިޒީ ޑްރިންކްސް ފަދަ އެއްޗެއްސަކީވެސް ސިއްހަތައް ގެއްލުން ހުރި ތަކެތި. އެހެންކަމުން ދަރިވަރުން މި ބުނަނީ އެފަދަ ތަކެތިވެސް މަނާ ކުރަންޖެހޭނޭ. އުންމީދު ކުރަނީ އަވަސް ހައްލެއް ލިބޭނެ ކަމަށް،" ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ރައީސް ކަންވެސް ކުރައްވާފައިވާ އަލީ ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް