އަދި އުންމީދު ކަނޑައެއް ނުލަން: ސޮބާ

ކްލަބު ވެލެންސިއާގެ ކޯޗު ޞަބާޙް މުޙައްމަދު -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

މާލޭ ލީގުގައި ކްލަބު ވެލެންސިއާއާއެކު ކުރިއަށް ދިއުމަށް އަދި އުންމީދު ކަނޑާނުލާ ކަމަށް ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ބުނެފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ޕޮއިންޓަކާއެކު އޮތް ވެލެންސިއާ އިއްޔެގެ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ އިއްޔެގެ މެޗުގައި ބަލިވާން ދިމާވި ސަބަބަކީ ޓީމުގެ ޑިފެންސުން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"އަނެއްކާވެސް ހަމަ ޑިފެންސް ލައިނުން ކޮންސަންޓްރޭޝަން ގެއްލިގެން މިދިޔައީ. ވަރަށް ބޮޑު ގޯހެއް ހަމަ. ވަރަށް ކަންކަން އެބައޮތް ރަނގަޅު ކުރަން. އަޅުގަނޑު އަތަކު ނެތް ގައުމީ ޓީމުގެ ހަތް ކުޅުންތެރިންނެއް. އެކަމަކު އަދި އުންމީދު ކަނޑައެއް ނުލަން. ނިއުރޭޑިއަންޓް މާޒިޔާ އަތުން މޮޅު ނުވެވުނަސް، އެބަހުރި އަޅުގަނޑުމެންނަށް ޕޮއިންޓް ނެގޭނެ ޓީމުތައް،" ސޮބާ ބުންޏެވެ.

މާލޭ ލީގުގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ސޮބާ ބުނީ މާޒިޔާއާ ދެކޮޅަށް ނުކުތީ ފަހަތަށް ވިސްނައި، ލިބޭ ކައުންޓާ އެޓޭކް ބޯޅަތަކުގެ ބޭނުން ހިފުމަށް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށްދިޔަ ބޯޅަތަށްވެސް ފެނިގެންދިޔައީ ބޭކާރުވެގެން ދިޔަތަން ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.

"މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު، މުޅިން އޯޕަންއެއް ނުކޮށްލެވޭނެ. އެކަމަކު ކުރިއަށް ޖެހެން ލިބުނު ބޯޅަ ތަކުގައިވެސް މިއަދު ފެނުނީ ތަންކޮޅެއް ގުޅުން ކުޑަކޮށް، ސަޕޯޓްވެސް ނުލިބި ދިޔަތަން،" ސޮބާ ބުންޏެވެ.

ސޮބާ އިތުރަށް ބުނީ ޓީމުގެ އަނިޔާގެ މައްސަލަތައް ގިނަ ކަމަށާއި ގާތް ގަނޑަކަށް ހަ ކުޅުންތެރިއަކު މިވަގުތު އަނިޔާގައި ތިބި ކަމަށެވެ. ވެލެންސިއާ ކަހަލަ ޓީމެއްގައި އެ އަދަދަށް ކުޅުންތެރިން އަނިޔާވުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ސޮބާ ފާހަގަކުރިއެވެ.

މާލޭ ލީގުގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ސޮބާ ބުނީ ވެލެންސިއާއާ ހަވާލުވީވެސް ފުރަތަމަ މެޗުން މާޒިޔާ، ނިއުރޭޑިންޓް ސްޕޯޓްސް ކްލަބު ފަދަ ކްލަބުތައް ބަލިކޮށްލެވޭނެ ކަމަށް ނޫން ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް ދިިއުމަށް ކޮންމެހެން ނަގަން ޖެހޭނެ މެޗުތަކެއް އެބަހުރި ކަމަށްވެސް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި މިހާރު ވެލެންސިއާގެ ކޯޗު ސޮބާ ބުންޏެވެ.

އަންނަ ހަފްތާގެ މާލޭ ލީގު މެޗުތައް އޮންނާނީ ހޯމަ އަދި އަންގާރަ ދުވަހުގައެވެ. ހޯމަ ދުވަހުގެ ރޭ ވެލެންސިއާއިން ނުކުންނަން ޖެހޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

comment ކޮމެންޓް