މުސާރައިން އުނިކުރި ބައި ހޯދުމަށް މެގަ މޯލްޑިވްސްގެ ބައެއް މުވައްޒަފުން ކޯޓަށް

މެގަ މޯލްޑިވްސްގެ ފްލައިޓުތަކެއް ----

މެގަ މޯލްޑިވްސްގެ މާލީ ހާލަތު ދަށްވެ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެކުންފުނީގެ ބައެއް މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ފައިސާ ހޯދުމަށް އެކުންފުނީގެ ބައެއް މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސްއަށް މާލީ ގޮތުން ދިމާވި ދަތިތަކަކާ ހުރެ، އެކުންފުނީގެ ފްލައިޓު އޮޕަރޭޝަންސް މިދިޔަ އަހަރުގެ މެއި މަހު ވަނީ ހުއްޓާލައިފައެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުހިނގާ ގޮތަށް ލީވް ދިން އިރު، އެކުންފުނިން ބޭނުންކުރަމުން ދިޔަ ހުރިހާ މަތިންދާ ބޯޓުތައް އަނބުރާ ފޮނުވާލިއެވެ.

މެގަ މޯލްޑިވްސްއަށް މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެ، ކުންފުނި ލިކުއިޑޭޓުކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މިއަދު އެކުންފުނީގެ ހަތަރު މުވައްޒަފަކު ވަނީ ލިބެންޖެހޭ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މުވައްޒަފުންގެ ވަކީލު އަބްދުﷲ އަލީ "ސަން"އަށް ވިދާޅުވި ގޮތުގައި، ހަތަރު މުވައްޒަފުން ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް އެ މުވައްޒަފުންގެ މުސާރައިން އުނިކުރި 13 ޕަސަންޓު ފައިސާ ހޯދުމަށެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ މުސާރަވެސް ދީފައި ނުވާތީ، އެ ފައިސާ ހޯދުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.

ވަކީލު ވިދާޅުވީ، ކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުންދާ އިރު، މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ. ކުންފުނި އުވާލާ އިރު މުވައްޒަފުން ވަޒީފާއިން ވަކިވެގެންދާ އިރު، އެކަމުގެ ނޯޓިސް މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވަކީލު އަބްދުﷲ އަލީ ވިދާޅުވިއެވެ.

ނޯޓިސްގެ ފައިސާ ހޯދުމަށްވެސް ކޯޓުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ހަތަރު މުވައްޒަފަކު މައްސަލަ ހުށަހެޅީ. މިއިން ކޮންމެ މުވައްޒަފަކު 1،000 ޑޮލަރާ 2،000 ޑޮލަރާ ދެމެދުގެ އަދަދެއް ހޯދަން އެދިފައި ވާނީ،" އޭނާ ވިދާޅުވިއެވެ.

ވަކީލު އަބްދުﷲ އަލީ ވިދާޅުވި ގޮތުގައި، އޭނާއަށް އެނގިވަޑައިގެން މެގަ މޯލްޑިވްސްގެ 60 އެއްހާ މުވައްޒަފަކު މުސާރައިގެ މައްސަލައިގައި ސިވިލް ކޯޓަށް ދިއުމަށް ނިންމާފައިވެއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ކޯޓުން ބަލައިގަތުމާ މެދު ނިންމާ ގޮތެއް އެނގޭނީ ބުދަ ދުވަހު ކަމަށެވެ.

ލިކުއިޑޭޝަންގެ ތެރޭގައި މިވަގުތު އޮތް މެގަ މޯލްޑިވްސްގެ ބައެއް މުވައްޒަފުން "ސަން"އަށް ކިޔައިދިން ގޮތުގައި، އެކުންފުނިން މިއަހަރުގެ ޖެނުއަރީ މަހު ވަނީ މުވައްޒަފުންނަށް ހެލްތު އިންޝުއަރަންސްވެސް ކަނޑާލައިފައެވެ.

މުވައްޒަފުން ބުނި ގޮތުގައި، 2017 ވަނަ އަހަރުގެ މެއި މަހު ނޯ ޕޭ ލީވަށް މުވައްޒަފުން ފޮނުވާލި އިރު، މެގަ މޯލްޑިވްސްއަށް އާ އިންވެސްޓަރެއް ހޯދައި، ކުންފުނި އަލުން ފަށައިގަތުމުގެ އުންމީދުގައި ގާތްގަނޑަކަށް 40 މުވައްޒަފުން ކުންފުނީގައި ބޭތިއްބިއެވެ.

މެގަ މޯލްޑިވްސް ލިކުއިޑޭޓުކުރުމުގެ މަސައްކަތް ކުރާ އިރު، އެކުންފުނިން ވަނީ ދިވެހި ސަރުކާރަށް ދައްކަންޖެހޭ ފައިސާއާއި، މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ ދައްކާނެކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ކުންފުނީގެ މުވައްޒަފުން ތިބީ އެކަމާ ކަންބޮޑުވެފައެވެ.

"ކުންފުނިން ބުނީ ފައިސާއެއް ނެތޭ. މިހާރު ދާ ގޮތުން ހިއެއް ނުވޭ މުވައްޒަފުންނަށް ފައިސާ ދިނުމުގެ ޚިޔާލެއް ކުންފުނިން ގެންގުޅޭހެނެއް،" އެއް މުވައްޒަފަކު ބުންޏެވެ.

މެގަ މޯލްޑިވްސްއިން މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ހޯދުމަށް ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ އިރު، ދާދު ފަހުން އަމިއްލަ ކުންފުންޏަކުންވެސް ވަނީ ދެލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދުމަށްޓަކައި މެގަ މޯލްޑިވްސް ގޮވައިގެން ކޯޓަށް ގޮސްފައެވެ.

comment ކޮމެންޓް